ޝަންގްރިއްލާގެ ވިލިނގިލި އަލުން ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ރިސޯޓުގެ މެނޭޖްމަންޓާއި، އެންވައިރޮމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ބައްދަލު ކުރައްވައިފި އެވެ.
މިއީ ޝަންގްރިއްލާގެ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސް ފޮންގްއާއި އެކު އޮތް ބައްދަލުވުމެކެވެ.
އައްޑޫގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ޝަންގްރިއްލާ ރިސޯޓު މި އަހަރުގެ ނިޔަލަށް އަލުން ހުޅުވައި ހިދުމަތް ދިނުމަށް ނިންމައި އެކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ މަހު އެވެ.
ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާއަކީ 2009 ގައި އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ތަރައްގީކޮށް ހިންގުމަށް ސަރުކާރުން ކުއްޔަށް ދޫކުރި ރިސޯޓެކެވެ. މި ރިސޯޓު ބަންދުކުރުމުގެ ކުރިން 500 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ ތަނުގައި ވަޒީފާ އަދާކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ޝަންގްރިއްލާގެ ހިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތުމުގެ ސަބަބުން، އައްޑޫ އިންވެސްޓްމަންޓްސްއާއި އެހެނިހެން ކަމާގުޅޭ ފަރާތްތަކާއެކު، ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަަކަމަށެވެ. އަދި މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ އިންވެސްޓްމަންޓްސްއިން މި އަހަރުގެ ނިމުމުގެ ކުރިން ރިސޯޓު ހުޅުވައި ހިދުމަތްތައް އަލުން ފެށުމަށް އެއްބަސްވީކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، މި ރިސޯޓަކީ އައްޑޫގެ އިގްތިސާދީ ތަނބެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން ދެމިއޮތް ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެކެވެ. އަދި ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ ރިސޯޓު އަލުން ހުޅުވުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު މަންފާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަމަށް ވެސް ބަޔާނުގައި ވެއެވެ. މީގެ ސަބަބުން ރިސޯޓުގައި ކުރިން ވަޒީފާ އަދާކުރަމުން އައި އަދަދަށް ވުރެ ގިނަ ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ވަނީ ބުނެފަ އެވެ.

