ހުޅުމާލެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތަކުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ދެނެގަތުމާއި، އެ މީހުންގެ ހުރިހާ މައުލޫމާތެއް ނަގައި ބައޯމެޓްރިކް އެއްކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި އެއްލަކައަށް ވުރެ ގިނަ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި މައުލޫމާތުތައް ވަނީ ނަގާފަ އެވެ.
މި ޕްރޮގްރާމުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަންތައް ކުރިޔަށް ގެންދަނީ އިމިގްރޭޝަނުންނެވެ. އެގޮތުން ގަވައިދާ ހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތަކާއި، ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ އެކި މަސައްކަތްތައް ހުއްޓުވުން ހިމެނެ އެވެ.
މި މަސައްކަތްތަކުގެ ދަށުން، ސަރުކާރުން އިތުރު ގައުމީ ޕްރޮގްރާމެއް އިއުލާނުކޮށް ފަށާފައި ވެއެވެ. އެއީ ގަވައިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމެވެ.
އިމިގްރޭޝަނުން މިކަމާއި ގުޅުވައި ކުރަމުން ގެންދާ އެކި މަސަކަތްތަކުގެ ތެރެއިން އެންމެ ފަހުން، ހިފަހައްޓާފައި ވަނީ ފޭސް އެކެއް އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތަކުގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އެގޮތުން މި އޮޕަރޭޝަނުގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުން، މި އޮޕަރޭޝަނުގައި 64 ބިދޭސީއެއް ބަލައިފާސްކޮށްފައި ވާނެއެވެ.
ގަވާއިދާ ހިލާފަށް އޯޕަން ވިސާގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

