އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ، މީދޫ ގުޅުވާލާ ބްރިޖުގެ މަސައްކަތް ސަރުކާރުން ތިން ގޮތަކުން ޕްރޮޖެކްޓު ކުރިޔަށް ގެންދަން ދިރާސާ ކުރަމުން ގެންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ އަދި މީދޫ ގުޅުވާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރުމާއި ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި ޑީޓެއިލް ޑިޒައިން ކުރުން ޗައިނާގެ ކުންފުންޏަކަށް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗުގެ ރައީސް ޗެން ޝީއޯހޫއެވެ.
އެއްބަސްވުމުގެ ދަށުން ސާވޭތައް ކުރުމާއި، ޑިޒައިން ތައްޔާރުކުރުން އަދި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި އަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިއުންތައް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރ ވިދާޅުވެފައި ވަނީ، ކޮންސަލްޓަންޓަކާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ- ހުޅުދޫ/މީދޫ ގުޅާލުމުގެ މަޝްރޫއަކީ އައްޑޫއަށް އެންމެ އެކަށޭނަ މަޝްރޫޢެއްތޯ ދެނެގަތުމަށް ސަރވޭ އެއް ކުރުން ކަމަށެވެ. އަދި އެންމެ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ކަނޑައެޅުމާއި، މަޝްރޫއުއަށް ހިންގާނެ ހަރަދުތައް އަންދާޒާ ކުރުމާއި، ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުން ހިމެނެ އެވެ.
މިވަގުތު ސަރުކާރުން ބަލަމުން ދާ ތިން އޮޕްޝަންގެ ތެރޭގައި ހިމެނެނީ ފްލޯޓިން ބްރިޖަކާއި، އާންމުކޮށް އަޅާ ކަހަލަ ސީކްރޮސްސިންގ ބްރިޖަކާއި، އަދި ޓްރާންސިޓް ސިސްޓަމް އެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މިއީ ކުރިން މި މަޝްރޫއު ކުރިއަށް ގެންދަން މަސައްކަތް ކުރި ވިސްނުމަށް ވުރެ ތަފާތު، ފުޅާ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ކޮންސެޕްޓެކެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި، އައްޑޫ ބްރިޖުގެ މަސައްކަތްކުރުމަށްޓަކައި ބަޔަކާއެކު މީގެ ކުރިން އެމްއޯޔޫއެއްގައި ސޮއިކޮށްގެން މަސައްކަތްތަކެއް ކުރެވުނެވެ. އޭރު މަސައްކަތް ކުރެވުނީ ފައިނޭންސް ހަމަޖައްސައިގެން އައިސް، ބްރިޖް ކޮންސްޓްރަކްޝަން މަސައްކަތްކޮށް ނިންމައިދޭނެ ފަރާތަކާ އެކު ކުރިއަށް ދިޔުމަށް ނަމަވެސް މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެގޮތުން އޭރު އިޖިޕްޓް ކުންފުންޏަކާ އެއްކޮށް ސޮއިކުރީ، އެފަރާތުން ފައިސާ ހޯދައިގެން ފުރިހަމަ ޕްރޮޕޯސަލެއް ހުށަހެޅުމުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށެވެ.
އެ ކުންފުނީގެ މަސައްކަތް ނުގެންދެވުނު ސަބަބު ސާފުކޮށްދެއްވައި މިނިސްޓަރ ވިދާޅުވީ އިނިޝިއަލް އެސިސްމެންޓްތައް ހެދުމަށްފަހުގައި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަނުޖެހިގެން، އެކު އެމްއޯޔޫ ސްޓޭޖުން އެހެން ސްޓޭޖަކަށް ދެވޭހާ ވަރަކަށް މަސައްކަތް ކުރިއަކަށް ނުގެންދެވުނު ކަމަށެވެ. އެ ސަބަބާއި ހުރެ ސަރުކާރުން ފަހުން ނިންމީ، މި މަސައްކަތަކީ ފުދޭވަރަކަށް ބޮޑު މަސައްކަތަކަށް ވުމާއި، އަދި އާންމުކޮށް އަޅާ ކަހަލަ ބްރިޖެއް އެޅުމަކީ އައްޑޫއަށް އެންމެ ރަނގަޅު ގޮތަށް ނުވެދާނެތީ، ފުރިހަމަ ފީސިބިލިޓީއަކާއި އެއްކޮށް ޑިޒައިން މަސައްކަތެއް ކުރުމަށްޓަކައި ކުރާނެ މަސައްކަތްތައް ހިމެނޭ ގޮތަށް ކުރިއަށް ދިއުންކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެެހެންވެ ސަރުކާރުން ފަހުން ނިންމީ މި މަސައްކަތަކީ ފުދޭވަރަކަށް ބޮޑު މަސައްކަތަކަށްވުމާއި އަދި އެއީ ހަމަ އާންމުކޮށް މި އަޅާ ކަހަލަ ބްރިޖެއް އެޅުމަކީ އަދި އެއީ އައްޑޫއަށް އެންމެ ރަނގަޅު ގޮތަށް ފަހަރެއްގައި ނުވެދާނެތީވެ އެއަށް ބޭނުންވާ ފުރިހަމަ ފީސިބިލިޓީއަކާ އެއްކޮށް ޑިޒައިން މަސައްކަތެއް ކުރުމަށްޓަކައި ޕާޓީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި މި ދެންނެވި ގޮތަށް އެކިއެކި އޮޕްޝަންސްތައް ބަލާނެ.. ތިން އޮޕްޝަންގެ ތެރޭގައި މި ހިމެނެނީ ފްލޯޓިން ބްރިޖެއްތޯ ނޫނީ ނޯމަލްކޮށް އާންމުކޮށް މި އަޅާ ކަހަލަ ސީކްރޮސްސިންގ ބްރިޖެއްތޯ ނޫނިޔާމު އަދި ޓްރާންސިޓް ސިސްޓަމެއް…
ސަރުކާރުން މިހާރު ދިރާސާ ކުރަމުންދާ އޮޕްޝަންސްތަކަކީ، ފްލޯޓިން ބްރިޖެއް ނުވަތަ ސީކްރޮސް ބްރިޖު ނުވަތަ އިންޓަގްރޭޓެޑް ޓްރާންސިޓް ސިސްޓަމެއް ގާއިމު ކުރުމެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި އޮޕްޝަންތައް ބަލާ، އިކޮނޮމިކަލް އަދި ޓެކްނިކަލް ފީސިބިލިޓީ ބެލުމަށް ފަހު، ސަރުކާރުން އެއިން އެންމެ އެކަށީގެންވާ އޮޕްޝަނެއް ހޮވައި، އެއަށް ބޭނުންވާ ޑީޓެއިލް ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމެންޓު މަސައްކަތް ކުރިއަށް ގެންދާނެއެވެ.
މި މަސައްކަތް ނިމިގެންދާއިރު، ބްރިޖް މަޝްރޫޢަށް ފައިނޭންސް ހަމަޖައްސައިގެން ކޮންމެ ކުންފުންޏަކާއި އެކުވެސް ކުރިއަށް ދާން ބޭނުންވާނެ ފުރިހަމަ ޓެކްނިކަލް ޑޮކިއުމެންޓާއި، ޕްރޮޖެކްޓަށް ދާނެ ކޮސްޓްވެސް އެނގިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

