ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ނަމަވެސް މާލެ ސަރަހައްދުގެ ވެހިކަލް ކެރީޔިންގ ކެޕޭސިޓީ (ވެހިކަލްތައް ބެހެއްޓިދާނެ އެންމެ ގިނަ އަދަދު) ކަނޑައެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ގިނަވެގެން ދިއުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓްރީން މިހާރު ގެންދަވަނީ މަސައްކަތްތައް ފަށާފައިކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން އެ ރަށެއްގެ ކެރިޔިންގ ކެޕޭސިޓީ ކަނޑައެޅުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ސިޓީ ކައުންސިލާއި ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެކަން ނުކުރެވި ވަރަށް ގިނަ މަރުހަލާތަކެއްގައި އެ ވާހަކަތައް ދެކެވިފައިވާކަމަށް އަމީން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން އެ ޒިންމާ ނުއުފުލާކަމަށްވުމުން ގާނޫނު ބަދަލުކޮށްގެން ނަމަވެސް މި މަސައްކަތް މިނިސްޓްރީގެ ދަށަށް ގެނެސްގެން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އަމީން ވިދާޅުވި ގޮތުގައި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މިވަގުތުވެސް ގާނޫނާއި އެއްގޮތަށް ލިމިޓުތަކެއް ކަނޑައެޅިފައިވެއެވެ. އެހެންނަމަވެސް، މީހެއްގެ މައްޗަށް ރަޖިސްޓްރީކުރެވިދާނެ ދެ ފުރޮޅުލީ އުޅަނދުގެ އަދަދު ކަނޑައެޅުމުގެ ބާރު މިވަގުތު ނެތްކަން އޭނާ ހާމަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ވެހިކަލް ކެރީޔިންގ ކެޕޭސިޓީ ކަނޑައެޅުމުން ނޫނީ ކޮންމެ ރައްޔިތަކަށްވެސް ސެޓެފިކެޓް އޮފް އެންޓައިޓަލްމެންޓު (ސީއޯއީ) ދޫކުރެވޭނެ ގޮތެއް ނޯންނާނެކަމަށެވެ. އަދި މިއީ ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް އުޅަނދުތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރާ އުސޫލުކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ.
އަމީން ވިދާޅުވީ، މިއީ އައު ކަމެއް ކުރަން ޖެހިފައިވާ ހާލަތެއް ނޫންކަމަށާއި، ކަމާބެހޭ މުއައްސަސާތަކަށް ކަނޑައެޅިފައިވާ ޒިންމާތައް އެ މުއައްސަސާތަކުން އުފުލައިފިނަމަ މި މައްސަލައަށް ހައްލުތަކެއް ލިބިގެންދާނެކަމަށެވެ.

