4000 ފުލެޓު ހަވާލުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 3400ށް ވުރެ ގިނަ އެއްބަސްވުންތަކުގައި ސޮއިކޮށްފިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.
އެފްޑީސީން ”ސަންގަށް“ ދެއްވި މައުލޫމާތުގައިވާ ގޮތުން، އެފްޑީސީން ތަރައްގީކުރާ 4000 ހައުސިންގ ޔުނިޓުތައް ދޫކުރުމަށްޓަކައި، އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިފަހުން މިހާތަނަށް 3400ށް ވުރެ ގިނަ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ޚާއްސަކުރެވިފައިވާ ސަރަޙައްދެއްގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ޕްރޮސެސްގައި، ފަހި ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑްކުރުމަށްފަހު، އެޕޮއިންޓްމަންޓް ގަޑި ކަނޑައެޅިގެންދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ. މި ލިޔެކިޔުންތަކަކީ ސައްޙަ އަދި ސާފުކޮށް ކިޔަން އެނގޭ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ.
މަޝްރޫޢުގެ މަސައްކަތްތަކުގެ ޕްރޮގްރެސްއާ ގުޅޭގޮތުން އެފްޑީސީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ދޯދި ޓަވަރު އަދި އުދަރެސް ޓަވަރު ތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ފުރިހަމަކުރެވިފައެވެ.
އެފްޑީސީން އިތުރަށް ފާހަގަކުރިގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޔުނިޓުތަކުގެ މަސައްކަތް ނިމި، ހަވާލުކުރުމަށް ތައްޔާރުވެފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.

