މިހާ ހިސާބަށް އައި އިރު ބަންކަރިންގެ ހިދުމަތުން 192 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ ސައީދު ހާޒިރު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްގެ ސުވާލަކަށެވެ. އުތުރުގައި ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ރާއްޖެއިން ބޭރުގެ ކިތައް އުޅަދަށް ހިދުމަތްދީފައިވޭތޯ ސުވާލުކުރެއްވިއެވެ. އަދި ހަރަދު ކަނޑައި އެ އޮޕަރޭޝަނުން މިހާތަނަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދަކީ ކޮބައިތޯއާއި، މިހާރު އާމްދަނީ ލިބޭ ރޭޓުން ބަލާނަމަ، އެކަމުން ލިބޭނެކަމަށް ކުރިން އަންދާޒާކުރި 400 މިލިއަން ޑޯލަރު ހަމަވާނީ ކޮން ދުވަހަކުންތޯއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުކަމަށެވެ. މިއަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހާއި ހަމައަށް 192 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ހިދުމަތް މެދުވެރިކޮށް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ. 17 މިލިއަނަށްވުރެ ގިނަ ޓެކްސް ލިބިފައިވާއިރު، މީގެ ތެރެއިން 83 އިންސައްތައަކީ ލޯ ސެލްފަ ފިއުލްކަމަށާއި، މިއީ މީގެ ކުރިން ރާއްޖޭގައި ބަންކާ ކުރި އެއްޗެއް ނޫންކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މި ހިދުމަތް ފެށުމަށްޓަކައި މިއޮތީ އެސްޓީއޯއާއި ހަވާލުކޮށްފަ، އެހެންވީމަ އެބޭފުޅުން އަތްޕުޅުގައި ހުންނާނެ މި ހުރިހާ ތަފްސީލުތަކެއް. ދެން އެކަން ކުރުމަށްޓަކައި ހަމައެކަނި އެސްޓީއޯއާއި ހަވާލުކޮށްގެން، އަޅުގަނޑުމެން ސަރުކާރުން ނުތިބެން. ވަރަށް ގިނަ މަސައްކަތްތަކެއް ކުރިން.
ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފޮރިން އިންވެސްޓްމެންޓް ގާނޫނު މަޖިލީހުން ފާސްވުމާއިއެކު ކެބިނެޓް މަޝްވަރާއާއިއެކު ފާސް ކުރެވުނު އުސޫލުގެ ދަށުން، މިހާރު ވާނީ މީގެ ކުރިއާއި ހިލާފަށް އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުން ދިވެހި ކުންފުނިތަކަށް އެކަނި ކަނޑައަޅާފައިކަމަށެވެ. މި ހިދުމަތް ދެމުންދާނީ އެހެން ގައުމުތަކުގައި އޮންނަ އުސޫލުތަކުގެ ދަށުންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަންވެސް އެންމެ ފުރަތަމަ ފެށިގެން އައިރު އެ ސިނާއަތް މިއަދު މި އޮތް ވަރަށް ކުރިއަރާނެކަމާއިމެދު ސުވާލުތައް އުފެދުނުކަމަށެވެ. ހަމަ އެގޮތަށް ބަންކަރިންގެ ހިދުމަތާއިމެދުވެސް އެ ސުވާލުތައް އުފެދިދާނެކަމަށާއި، އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާވެ ތަރައްގީވެގެންދާނެކަމުގެ އުއްމީދު ސައީދު ދެއްވިއެވެ. އަދި މިގޮތަށް އިތުރު މިސާލުތައްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ ޖުމްލަ ގޮތެއްގައި 400 މިލިއަނެއްހާ ރުފިޔާ ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ބަންކަރިން ހިދުމަތުގެ ތެރެއިން އަހަރެއްގެ މައްޗަށް ވެއްދޭނެކަމަށެވެ. އެއީ ބަޖެޓުގެ ތެރެއަށް ވައްދާނެކަމަށް ވިދާޅުވީ 400 މިލިއަން ޑޮލަރު ނޫންކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސިޔާސީ ބޭނުމަށް ދައްކާފައިވާ ވާހަކަތައް އެކި ގޮތް ގޮތަށް އަނބުރަމުންދާކަމަށެވެ.

