ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ މަސްލަޙަތު ކުރިއަށް ނެރެ، ރައީސް ގެންދަވަނީ ތާރީހީ ނިންމުންތަކެއް ނިންމަމުން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ މަސްލަޙަތު ކުރިއަށް ނެރެ، ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ތާރީހީ ނިންމުންތަކެއް ނިންމަވަމުންކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މިއަދު ތަންފީޒު ކުރަން ފަށާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން އާއި ގުޅޭ ގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ނިންމެވުމަކީ ތާރީހީ އަދި ހިއްވަރުގަދަ ނިއްމުމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ ރައީސް މުޢިއްޒުއަށް މަރުހަބާ ދަންނަވާފައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ޤައުމަކަށް ސިއްޙީ ގޮތުން ދުޅަހެޔޮ ޖީލެއް ލިބިފައިވުމަކީ އެ ޤައުމެއްގެ އުފެއްދުންތެރިކަން އިތުރުވެ، ތަރައްޤީގެ ގޮތުން ކުރި އަރާ ދިއުމަށް ލިބިގެންދާ ފަހި ފުރުސަތެއްކަމަށެވެ. ރައްޔިތުން އިންތިހާބުކުރާ ވެރީންނަކީ ދުރައް ވިސްނާ، ޢާންމު މަންފާ އިސްކޮށް، ޤައުމީ މަސްލަޙަތު ކުރިއަށް ނެރޭ ބަޔަކަށްވާން ވާނެކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރެއްވީ މި އަހަރުގެ މެއި މަހުގައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، 1 ނޮވެންބަރު 2025 އިން ފެށިގެންނެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ.

މި ޤާނޫނުގެ ސަބަބުން މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ، އަދި ދުންފަތާ ދުރު މުޖުތަމަޢަކަށް ވާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުން މަނާ ވާނެއެވެ. އަދި ދުންފަތުގެ އެއްވެސް ބާވަތެއް އިޝްތިހާރުކުރުން، ސްޕޮންސަރކުރުން، ޕްރޮމޯޓްކުރުން ފަދަ ކަންކަންވެސް މުޅީން މަނާވާނެއެވެ.

މި ޤާނޫނާ ޚިލާފަށް ގެންގުޅޭ ތަކެތި ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދިނުމާއެކު، އަތުލައިގަނެވޭ ހުރިހާ އެއްޗެއް ރައްޔިތުންނަށް ސީދާ ޔަގީންކަން އޮންނަ ގޮތުގައި އިތުބާރާއެކު ނައްތާލެވޭނެ ނިޒާމެއްވެސް ވަނީ ކަނޑައަޅާފައެވެ.

މިނިސްޓަރު ސައީދު ވަނީ އިޖުތިމާޢީ މިފަދަ އެތައްކަމަކަށް އިސްލާޙީ ފިޔަވަޅު އަޅުއްވަމުން ޤައުމު ބިނާކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ ޤައުމީ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާފައެވެ. ދުންފަތުގެ ނުރައްކަލުން ދިވެހި ޤައުމު މުޅީން ސަލާމަތް ކުރުމަށާއި، މަސްތުވާތަކެއްޗާ އެނޫން ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް މުހިންމު ކަންކަން މި އިޞްލާޙުގެ ތެރެއިން ކަނޑައަޅުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: