އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރ ބިމާ ހަމަކޮށްލި ހާދިސާ ނުވަތަ ނައިން އިލަވެންގެ ހާދިސާއަކީ މުޅި ދުނިޔެ ބައްދަލު ކޮށްލި އެއް ހާދިސާއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެ ހާދިސާގެ ސަބަބުން އެންމެ ބޮޑަށް ބިރުވެރިކަމާއި ހިތްދަތި ކަމާއި ބޮޑެތި ތުރާތަކާއި ކުރިމަތިލާން ޖެހުނީ ދުނިޔޭގެ އެކިއެކި ކަންކޮޅޫތަކުގައި އުޅެމުންދާ އެތައް ބިލިޔަން މުސްލިމުންނަށެވެ. ސަބަބަކީ އެ ހާދިސާގެ ޒިންމާ މުސްލިމުންގެ ބޮލުގައި އެޅުވުމެވެ. ނައިން އިލަވަންގެ ހާދިސާއަށް ފަހު މުސްލިމުންނަކީ ހައްދު ފަހަނައަޅާފައިވާ ބައެއް ކަމުގައި ހަދައި މުސްލިމުންގެ ކަރުގައި ޓަރަރިސްޓުންގެ ޓެގް އެޅުވިއެވެ. މުސްލިމުންނަކީ އަނިޔާވެރި ބައެއްގެ ގޮތުގައި މުޅި ދުނިޔެއަށް ދެއްކިއެވެ. އެ ޓެގް މުސްލިމުންގެ ކަރުގައި އެޅޫވީ އެވެނި ބަޔަކޭ މިވެނި ބަޔަކޭ ބުނާކަށް ނެތީމެވެ. ނަމަވެސް މުސްލިމުންނަކީ އެ މީހުންގެ ދީނުގައި ހައްދު ފަހަނައަޅާފައިވާ ބައެއް ކަމަށް ދުނިޔަށް ދެއްކީ މުސްލިމުންގެ އަދާވާތްތެރިންނެވެ. ހަމަ އެހެންމެ މުސްލިމުންގެ ނަން ބޯޑު އަޅުވައިގެން ތިބެ ބަޔަކު މީހުން ހިންގި ލާ އިންސާނީ ޖަރީމާއެއްގެ ސަބަބުންނެވެ.
ކޮންމެއަކަސް އަޅުގަނޑު މިއުޅެނީ ނައިން އިލަވަންއާއި މުސްލިމުންގެ ނަމުގައި ލާ އިންސާނީ ޖަރީމާ ހިންގާ މީހުންގެ ވާހަކަ ދައްކާކަށް ނޫނެވެ. ދައްކަން މި އުޅެނީ މި ދެންނެވި ނައިން އިލަވަންގެ ހާދިސާއަށް ފަހު މުސްލިމުންނަކީ އެ މީހުންގެ ދީނުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަޔަށެވެ. ސުވާލަކީ ދީޏުގައި ހައްދު ފަހަނައަޅާ ދިއުމަކީ ކޮބައިތޯއެވެ،؟ މި ސުވާލުގެ ޖަވާބް ޢިލްމީ ނަޒަރަކުން ދެވޭތޯ އަޅުގަމޑު މަސައްކަތް ކޮށްލާނަމެވެ.
ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ހައްދުފަހަނައަޅާ ދިއުމާއި ލުއިފަސޭހަ ކުރުމަކީ ފައިސާ ފޮތީގެ ދެފަރާތް ކަހަލަ ކަމެކެވެ. މިދެކަމަކީވެސް އިސްލާމުންގެ މައްޗަށް ނުރައްކާވެފައިވާ ކަމެކެވެ. އަދި މިދެކަމަކީވެސް ދީނަށް ގެއްލުން ކުރިމަތިކުރާ ކަންކަމެވެ. ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އިސްލާމްދީނަކީ ހަރުކަށިކަމާއި ލުއިފަސޭހަކަމާއި ދެމެދުގައި އޮންނަ ދީނެކެވެ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ މެދުމިންވަރުގެ ދީނެކެވެ. އަޅުގަނޑު ދިރާސާ ކުރި ބައެއް ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި ހައްދުފަހަނައަޅާ ދިއުމުގެ ޝަރުޢީ މާނައަކީ ﷲގެ އަޅަކަށް ކަނޑައެޅިފައިވާ ޙައްދުގެ އިން ފަސްދީ ޝަރުޢުގައި ބަޔާންވެފައިވާ މިންވަރާ ދުރުވުމެވެ. ލިޔުންތަކުގައި ބުނެފައިވާ ގޮތުގައި މިޙާލަތުގައި އޭނާގެ ޚިޔާލަކީ ޝަރުޢުގައިވާ މިންވަރަކީ މަދުމިންވަރެއް ކަމުގައެވެ. އެވަރަކުން ނުފުދޭނެ ކަމުގައެވެ. މިހެންވެ އޭނާ އަމިއްލައަށް ކަންކަން އިތުރުކުރެވެނީއެވެ. އޭރު އޭނާ ހީކުރަނީ އެގޮތަށް އެކަން ކުރުމަކީ ޝަރުޢީ ގޮތުން ލިބޭ ކުރިއެރުމެއް ކަމުގައެވެ.
ޢިލްމްވެރުންގެ ލިޔުންޔަކުން އެނގޭ ގޮތުގައި އިސްލާމްދީނުގައި ހައްދު ފަހަނައަޅާ ދިއުމުގެ ތެރޭގައި ކަންކަމުގައި ލުއިފަސޭހަގޮތް ވަނިކޮށް އެކަންކަމުގައި ހިމެނޭ އުދަގޫ ބުރަގޮތްތައް ތިމާގެ ނަފްސުގެ މައްޗަށް ލާޒިމުކުރުން ހިމެނެއެވެ. ދަތި ޙާލުގެ ވަގުތުގައި ފަސޭހަ ގޮތަށް ދިއުމަށް އެއްވެސް މުސްލިމަކަށް ނުރުހުމެއް ވުމެއް ނުވެއެވެ. އަދި ކަމެއްގައި ﷲ ދެއްވާފައިވާ ހުއްދަ ދޫކޮށެއްވެސް ނުލެވޭނެއެވެ. އެވަގުތުގައި ދަތިޙާލުން ސަލާމަތްވުމަށް ﷲ ދެއްވާފައިވާ ލުއިފަސޭހަކަމުގެ ހުއްދަ ބޭނުން ކުރަން ޖެހެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ.“ ތިޔަބައިމީހުން މީސްތަކުންނަށް ލުއިފަސޭހަކޮށް ދޭށެވެ. އަދި ދީނުގެ ކަންކަން އުދަނގޫ ނުކުރައްވާށެވެ. އަދި ދީނުގެ ކަންކަމުގެ އުފާވެރިކަމުގެ ޚަބަރު ދޭށެވެ! އެކަމުގައި މީސްތަކުން ފިތުނަވެރިކޮށް ބައިބައި ނުކުރުވާށެވެ!“
ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މީސްތަކުންގެ މައްޗަށް ދީނުގެ ކަންކަމުގައި ހަރުކަށިވުމުގައި ގަދަވެގެންވާ ސުންނަތާއި ސުންނަތުގައި ހިމެނޭ ކަންކަން ފަރުޟު ކަންކަމުގައި ދެކުން ހިމެނެނީ ދީނުގައި ހައްދުފަހަނައަޅާ ދިއުމެވެ. އަދި މަކްރޫހަކަންތައް ޙަރާމް ކަންކަމަށް ހެދުން ހިމެނެއެވެ. ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މިކަމުގައި އެންމެ ހެއު ރަގަޅު ގޮތަކީ ﷲ މީސްތަކުންގެ މައްޗަށް ވާޖިބު ކުރެއްވި ކަމަކަށް މެނުވީ ވާޖިބު ކަމެކޭ ނުބުނުމެވެ. ވާޖިބު ކަންކަން ފިޔަވައި އެހެނިހެން ކަންކަމުގައި އިންސާނާއަށް މާތްﷲ ދެއްވެވި މަތިވެރި އިޚްތިޔާރުގެ ދަށުން އެމީހުން ބޭނުންނަމަ އެކަން ކުރާނީއެވެ. ނުވަތަ ބޭނުންނަމަ ނުކޮށް ދޫކުރާނީއެވެ.
ކޮންމެއަކަސް ހަރުކަށިވެ ހައްދުފަހަނައަޅާ ދާންޖެހޭ ފަދަ ވަގުތާއި ދަޑިވަޅުތަކާއި ޚިލާފުކޮށް އެކަން ވެގެންދިޔުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. މިސާލަކަށް އިސްލާމީ ދައުލަތެއްގެ ތެރޭގައި އިސްލާމް ދީނަށް އަލަށް ވަން މީހެއް ނުވަތަ އަލަށް ތައުބާވި މީހެއް، ނޫންނަމަ އިސްލާމީ ދައުލަތެއް ނޫން ތަނެއްގައި އަލަށް އިސްލާމްވި މީހެއް ނުވަތަ ތިމާގެ އަމިއްލަ ޤައުމު ނުވަތަ ރަށްނޫން އެހެން ތަނެއްގައި އަލަށް އިސްލާމްވި މީހެއް މިފަދަ މީހުންނާއި މެދު ޝަރުޢީ މައްސަލަތަކުގައި ލުއިފަސޭހަ ކޮށްދިނުން އެދެވިގެން ވެއެވެ. އަދި ހަމަ އެފަދައިން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރި މައްސަލަތަކުގައިވެސް ލުއިފަސޭހަ ގޮތަށް ޢަމަލު ކުރުން މުހިންމެވެ. އަދި އެންމެ ފުރަތަމަ މިފަދަ މީހުންގެ ޢަޤީދާ އިޞްލާޙު ކުރުން މުހިންމެވެ. އަދި އެކަންކަން ކާމިޔާބުވެ އެކަމާމެދު ހިތްހަމަޖެހުމުން އިސްލާމްދީނުގެ ރުކުންތައް ދަސްކޮށްދީ އެކަންކަން އަންގައިދޭނީ އެވެ. ދެން އެއަށްފަހު އީމާންކަމުގެ ބައިތަކަށް ވަންނާނީއެވެ.
އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެފައިވަނީ އެބައިމީހުންނަކީ ޢަދުލުވެރި އިންޞާފުވެރި މީސްތަކުން ޝަރުޢީ މެދުމިނުގެ ހަމައިގެ މަތިން ވަޒަންކުރުމަށެވެ. މީހަކު އޭނާގެ ނުބައިކަމުގެ މައްޗަށް ހެއުކަންތައް ގިނަކޮށް އޭނާގެ މީޒާން އެގޮތަށް ބަރުކޮށްފިނަމަ އެއީ ޞާލިޙް މީހެކެވެ. އެއްވެސް ޙާލެއްގައި ތިމާގެ އަޚް މުސްލިމު ނިކަމެތި ކުރުމެއް ނުވެއެވެ.

