ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު26: ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީގެ ދަތުރުގައި މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ ބަޖެޓެކެވެ. މި ބަޖެޓުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާ އެއް ދާއިރާއަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ އަދަދު އިތުރުކުރުމެވެ.

އަންނަ އަހަރަށް ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ކައުންސިލް ބްލޮކް ގްރާންޓުގެ މުހިންމުކަން

ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަކަށް، ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ހުރިހާ ކައުންސިލްތަކަށް ދޭ އެހީއެކެވެ. މިއީ ކައުންސިލްތަކަށް އެމީހުންގެ އިޚްތިޞާޞްގެ ދަށުން ހިންގަންޖެހޭ ތަރައްޤީގެ މަޝްރޫޢުތަކާއި، ރަށްރަށުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެންމެ ބޭނުންވާ މާލީ އެހީއެވެ.

2.5 ބިލިއަން ރުފިޔާ ކަނޑައެޅުމަކީ، ކައުންސިލްތަކުގެ މާލީ މިނިވަންކަން އިތުރުކޮށް، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމެކެވެ.

ބްލޮކް ގްރާންޓް ޚަރަދުކުރެވޭ އުސޫލު ހަރުދަނާކުރުމުގެ ތެރެއިން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޚަރަދުކުރުމަށް ބާރުއެޅޭނެ ގޮތަށް ބައްޓަންކުރުމަށް ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މިކަމުގެ ސަބަބުން، ކައުންސިލްތަކަށް ލިބޭ ފައިސާ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާތަކަށް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މިސާލަކަށް، ޞިއްޙީ ޚިދުމަތްތައް، ތަޢުލީމީ ފުރުޞަތުތައް އަދި ރަށު ފެންވަރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް މި ފައިސާ ބޭނުންކުރެވިދާނެއެވެ.

ޖުޑީޝަރީގެ މާލީ މިނިވަންކަން

ކައުންސިލް ބްލޮކް ގްރާންޓުގެ އިތުރުން، މި ބަޖެޓުގައި ފާހަގަކޮށްލެވޭ އަނެއް މުހިންމު ކަމަކީ ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށްޓަކައި އެ ދާއިރާއަށް ދޭ ޚަރަދު ގްރާންޓެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ނިންމުމެވެ. މި ގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ. މިއީ މިހާރު މިދާއިރާއަށް ކުރެވޭ ޚަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

ޖުޑީޝަރީއަށް މާލީ މިނިވަންކަން ލިބުމަކީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރު ކަމަށްވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، އެ ދާއިރާގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މި ގްރާންޓުގެ ސަބަބުން، ޖުޑީޝަރީގެ ޤާބިލުކަން އިތުރުކުރުމަށާއި، ޢަދުލު އިންޞާފު ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަގުފަހިވާނެއެވެ.

ކެޕިޓަލް ޚަރަދު އިތުރުވުން

އަންނަ އަހަރުގެ ބަޖެޓުގައި ފާހަގަކޮށްލެވޭ އަނެއް މުހިންމު ކަމަކީ ކެޕިޓަލް ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. މި އަހަރާ އަޅައިބަލާއިރު، ބަޖެޓުގެ ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ، މި އަހަރުގެ ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ސިޔާސަތު އަންނަ އަހަރު ވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރާނީ ތަރައްގީގެ އިތުރު މަޝްރޫޢުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވުމެވެ.

ކެޕިޓަލް ޚަރަދު އިތުރުވުމަކީ، ރާއްޖޭގެ އުމްރާނީ ބިނާވެށި ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ޤައުމީ އުފެއްދުންތެރިކަން މަތިވެގެންދާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ޖުޑީޝަރީގެ މިނިވަންކަން އިތުރުކުރުމަށް އަދި އުމްރާނީ ތަރައްޤީއަށް ބޮޑު އިސްކަމެއް ދީފައިވާ ބަޖެޓެކެވެ.

ކައުންސިލް ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައެޅުމާއި، ޖުޑީޝަރީއަށް 807.9 މިލިއަން ރުފިޔާގެ ގްރާންޓެއް ދިނުމަކީ، ދައުލަތުގެ މާލީ އޮނިގަނޑުގައި ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެކެވެ. މި ބަޖެޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: