ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުސްވެފައިވާ ނައިބް ރައީސް ކަމުގެ މަގާމަށް ނިސްޓަރ ފޯރ ޔޫތު އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ޝައުގުވެރިކަން ފާޅުކުރެއްވިނަމަވެސް، މަހްލޫފު އެ ހިޔާލް ދޫކޮށްލެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްްޑީޕީގެ އެންމެ އިސް ލީޑަރ، ރައީސް އިބްރާހިމް މުހައްމަދުގެ އާނ ބަސް އެކަމުގައި ނުލިބުމުންކަމަށް ސަންގަށް އިތުބާރު ހުރި މަސްދަރަކަމުން މައުލޫމާތު ދީފިއެވެ.
ސަންގާއި މައުލޫމާތު ހިއްސާކުރެއްވި ރައީސް އޮފީހުގެ އޮފިޝަލެއް، ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމް ހުސްވުމާއި ގުޅިގެން، އޭގެތެރެއިން ނައިބް ރައީސްކަމަށް ކުރިމަތިލުމުގެ ޝައުގާއެކު މަހްލޫފް އެވާހަކަ އޭނާގެ ގާތް ބޭފުޅުންނާއިވެސް ހިއްސާކުރެއްވިކަމަށެވެ. އަދި ރައީސް ސޯލިހްގެ ހިޔާލެއް އެކަމުގައި ހޯއްދެވުމުން ރައީސް ސޯލިހުގެ ތާއީދު ލިބިވަޑައިނުގަތުމުން އެމާޔޫސްކަމުގައި އެވާހަކަ މަހްލޫފްގެ ގާތް ބޭފުޅުންނާއި ހިއްސާކުރެއްވިކަމަށެވެ.
މަހްލޫފް ރައީސް ކުރެން އެއްސެވި ތިމަންނާގެ ޝައުގުވެރިކަން އެބަހުއްޓޭ ހުސްވެފައިވާ އެމްޑީޕީގެ ނައިބް ރައީސް ކަމަށް، ރައީސް ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއޭ. މިނިސްޓަރ މަހްލޫފް ހުންނެވީ ރައީސް ގޯ ދެއްވައިފިނަމަ ވާދަކުރައްވަން، އެކަމަކު ރައީސް ފެހި ސިގްނަލެއް ނުދެއްވި. މާނައަކީ އެކަމުގައި ރައީސްގެ ރުހުން ލިބިވަޑައެއް ނުގަތޭ. ރައީސްގެ ރުހުން ލިބިވަޑައިނުގަތަސް ވާދަކުރެއްވޭނެ، އެކަމަކަށް ނެތް ހުރަހެއް، ނަމަވެސް ރައީސް ބެކް ކުރެއްވިނަމަ އެކަން ވާނީ ވަރަށް ބޮޑު ސްޓްރެންތަކަށް. ރައީސްގެ ބެކިންގ ލިބިވަޑައިނުގަތުމާއި، ރައީސް ނަޝީދުގެ ބެކިން ލިބުމުގެ ފުރުސަތު ނެތުމުން ވިން ވުމުގެ ޗާންސް ވަރަށް ކުޑަ. އެހެންވެ މަހްލޫފު ދޫކޮށްލެއްވީ އެމްޑިޕީ ނައިބް ރައީސްކަމަށް ކުރިމަތިލުމުގެ ވިސްނުން: އިތުބާރު ހިފޭ ރައީސް އޮފީހުގެ މަސްދަރު
ސަންގާއި މައުލޫމާތު ހިއްސާކުރެއްވި ފަރާތުން ވިދާޅުވީ ނައިބް ރައީސްކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އައްޑޫ ހިތަދޫ ދާއިރާ މެމްބަރު މުހައްމަދު އަސްލަމްވެސް ރައީސް ސޯލިހަށް ގުޅުއްވާ މިކަމުގައި ކުރިއަށް ވަޑައިގަތުމާއިބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި އަސްލަމް ގާތުގައި، ނައިބް ރައީސްކަމަށް ކުރިމަތިލެއްވުމާއިގެން ކުރިއަށް ވަޑައިގަތުމަށް ފެންނަކަމށް ރައީސް ދެންނެވިކަމަށް މައުލޫމާތު ލިބެއެވެ.
އަހްމަދު މަހްލޫފަކީ ކުރިން ރައީސް މައުމޫން ޑީއާރްޕީ ހިންގެވިއިރު އެޕާޓީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެއަށްފަހު ޕީޕީއެމްގައި ހަރަކާތްތެރިވުމަށްފަހު ހުންނެވީ މިނިވަންކޮށެވެ. މަހްލޫފް އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސް ޔާމީން ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަށްފަހުއެވެ.
އެމްޑީޕީ ނައިބް ރައީސްކަމަށް ކުރިމަތިލެއްވީ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒާއި، އައްޑޫ ހިތަދޫ ދާއިރާ މެމްބަރު މުހައްމަދު އަސްލަމެވެ. މި ދެ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންކަމަށްވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އަރިސް ބޭފުޅަކަށް ފެންނަނީ އައްޑޫ ހިތަދޫ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމަކީ އެމްޑީޕީ ފެށުނީއްސުރެ އެޕާޓީގެ އެކި ހަރަކާތްތަކުގައި އެކި މިންވަރަށް ހަރަކާތްތެރިވެވަޑައިގަންނަވާ އެމްޑީޕީގެ މަރުކާއެއް ގޮތުގައި އެޕާޓީގެ ގްރާސްރޫޓުން ބަލާ ބޭފުޅެކެވެ.

