ސްކޫލުތަކުން ވޭޕް ފެންނަ މިންވަރު ރެކޯޑު މިންވަރަކަށް ދަށް ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކަމަށެވެ. އެގޮތުން އެންމެން ގުޅިގެން މެނުވީ އެކަން ކާމިޔާބު ނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕް ފަދަ ތަކެތި ބޭނުން ކުރުމަކީ ސިއްޙީ ގޮތުންނާއި، އިޤްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން ބަލާއިރުވެސް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ އެންމެން އެކުގައި އަތާއި އަތް ގުޅާލައިގެން، އެއް ރޫހެއްގައި މަސައްކަތްކޮށް މި ވަބާއިން ދުރުވުމުގައި ހަގީގީ ކާމިޔާބީ ހޯދިދާނެކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަނިވެސް ދުވާލަކު 50އާއި 60 އާ ދެމެދުގެ އަދަދަކަށް ވޭޕް ސްޓިކް ފެންނަ ކަމަށާއި، ނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް ދެ ވޭޕްވެސް ނުފެނެއޭ ބުނާ ވަރަށް މަދު ކުރެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް މިދިޔަ އަހަރުން ފެށިގެން މަނާކޮށްފައިވާއިރު، މިނިސްޓަރު ވިދާޅުވީ މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ވޭޕް މަނާކުރުމަކީ ދަރިވަރުންގެ ހެވާއި ލާބަޔަށްޓަކާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ”ޖެނެރޭޝަނަލް ބޭން“އަކީ ވެސް އެއާ ގުޅިގެން އައި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
1 ނޮވެމްބަރުން ފެށިގެން ޖެނެރޭޝަނަލް ބޭންއަށް އަމަލު ކުރަން ފަށާފައިވާއިރު ދުޅަހެޔޮ އާބާދީއެއް ބިނާކޮށް ދުންފަތުގެ ވަބާއިން މީހުން ރައްކާތެރި ކުރުމާއި، ކުޑަކުދިން ދުންފަތާ ދުރުކޮށް ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް އައު ތަޞައްވަރެއްގައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
މި ސިޔާސަތުތަށް ތަންފީޒު ކުރަން ފެށިފަހުން، ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ މިންވަރުން ނިޞްބަތުން ދައްވަމުންދާކަން ދާދި ފަހުން ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި އަމަލު ކުރާ ޖެނެރޭޝަނަލް ބޭން ގެ ތާރީޚަކީ 1 ޖަނަވަރީ 2007 ގައި ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ ފަރާތަތަކާއި، އަދި 1 ޖަނަވަރީ 2007 ގެ ކުރިން އުފަންވެފައިވިޔަސް، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު 21 އަހަރު ނުފުރޭ ފަރާތްތަކެވެ.
މި ފަރާތްތަކުން ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުން ޤާނޫނީ ގޮތުން ވަނީ މަނާވެފައެވެ.

