ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފި

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ފާހަގަކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ހޫނު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. މި ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމަށްޓަކައި ޖާނު ޤުރުބާންކުރި ހިތްވަރުގަދަ ދިވެހި ދަރިންގެ ހަނދާން އާކުރާ ދުވަހެކެވެ.

ރައީސް މުޢިއްޒު އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިނީ ހިތްވަރުގަދަ ދަރިންތަކެއް ކަމަށެވެ. އެ ހާދިސާގައި ޤައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކުރައްވައި، ރައީސް ވަނީ އެ ދުވަހުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ބޭފުޅުންގެ ޤައުމީ ޚިދުމަތް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދަރިން ސާބިތުކޮށްދިނީ އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމަށެވެ. މިއީ ޤައުމީ ރޫޙު ދިރުވައި އާލާކުރުމަށް ދެއްވި މުހިންމު ބަސްފުޅެކެވެ.

މީގެ އިތުރުން، މާދަމާގެ އުފާ ފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެ ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއަކުންވެސް ވަޠަނުގެ ކުރިއެރުމާއި މަޞްލަޙަތަށް އިސްކަންދީ، މުރާލިކަމާއެކު ޚިދުމަތް ކުރާނޭ އިޚްލާޞްތެރީންގެ ދައުރު މުހިންމު ކަމަށެވެ. ރައީސް ވަނީ މިފަދަ އަގުހުރި ދަރީން މި ޤައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުޢާކުރައްވާކަން ފާހަގަ ކުރައްވައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރައްވާފައެވެ.

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޖުމްލަ 19 ދިވެހިން ޝަހީދުވިއިރު، އޭގެ ތެރޭގައި ސިފައިންނާއި އާންމުން ވެސް ހިމެނެއެވެ. ސަރުކާރުން ވަނީ ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ނިންމާފައެވެ. މިކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ވަނީ އިއުލާނު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: