ޖުމްހޫރީ ދުވަހަކީ ދިވެހި ގައުމަށް ލިބުނު އެންމެ މުހިންމު އެއް ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. މިއީ ދިވެހިރާއްޖެ ސުލްތާނީ ވެރިކަމުން ނެއްޓި، ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަން ހިންގޭ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ތާރީޚީ ދުވަހެވެ. ޤައުމީ މި ދުވަހަކީ ދިވެހި ރައްޔިތުންގެ އާދަޔާޚިލާފު ހިތްވަރާއި، ދުރުވިސްނުމާއި، މިނިވަންކަމަށް ދިން އިސްކަމުގެ ރަމްޒެކެވެ. ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން، ޤައުމީ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، ޑިމޮކްރަސީގެ އަގުތައް ހަނދާންކޮށް، އެކަންކަން އާލާކުރާ ދުވަހެކެވެ.
ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުން (1953-1954)
ދިވެހިރާއްޖޭގައި ޖުމްހޫރީ ނިޒާމެއް ގާއިމްކުރުމަށް ފުރަތަމަ މަސައްކަތް ފެށިގެން ދިޔައީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުއެވެ. މި ތާރީހީ ދުވަހަކީ އެތައް ގަރުނުތަކެއް ވަންދުން ދިވެހިރާއްޖޭގައި ދެމިގެން އައި ސުލްޠާނީ ވެރިކަމުގެ ނިޒާމު ނިމުމަކަށް އައިސް، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ރަސްމީކޮށް އިއުލާނުކުރެވުނު ދުވަހެވެ.
ސުމުއްވުލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން 1943 ވަނަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހު ދިވެހި ރައްޔިތުން އެރުވިއެވެ. ނަމަވެސް، އެ މަނިކުފާނު އެ ވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު، ގާނޫނީ ގޮތުން ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކަންތައްތައް ހަމަޖެހުމަށް ގިނަ ދުވަސްތަކެއް ހޭދަވިއެވެ. ތަޚުތު ހުސްކޮށް ދިގު މުއްދަތަކަށް ދެމިގެން ދިޔުމާއެކު، ރާއްޖޭގެ ވެރިކަން ހަމަޖެއްސުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވުނެވެ.
ގިނަ ބައްދަލުވުންތަކަކަށްފަހު ނިންމުނު ގޮތުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ގޮތަކަށް ބައްޓަންކުރިކަމުގައި ވިޔަސް، ޤައުމުގެ އެންމެ މަތީ ވެރިއެއްގެ މަޤާމަށް ދިވެހި ރައްޔިތުން އިޚްތިޔާރުކުރީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ރައީސް މުޙައްމަދު އަމީން ދީދީއަކީ ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޤައުމީ ޝަޚްޞިއްޔަތެކެވެ. އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ޚިދުމަތްތަކާއި، އިޖުތިމާޢީ ތަރައްޤީއަށް ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އެހެންނަމަވެސް، މި ތާރީޚީ ޖުމްހޫރިއްޔާއާއި ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ދެމިއޮތީ އެންމެ ހަތް މަހާއި އެކާވީސް ދުވަހުގެ ކުރު މުއްދަތަކަށެވެ. 1954 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އަނެއްކާވެސް ސުލްޠާނީ ނިޒާމަކަށް ބަދަލުކުރެވުނެވެ. މި އައު ބަދަލާއެކު، ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.
ދެވަނަ ޖުމްހޫރިއްޔާގެ އުފެދުން (1968)
ސުލްތާނީ ވެރިކަމަށް އެނބުރި ދިޔަ ނަމަވެސް، ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރުމުގެ ހުވަފެން ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދެއެވެ. ޚާއްސަ ގޮތެއްގައި 1965 ވަނަ އަހަރު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ޖުމްހޫރީ ނިޒާމެއްގެ މުހިންމުކަން އިތުރަށް ހާމަވެގެން ދިޔައެވެ. މިނިވަންކަން ލިބުމަށްފަހު ޤައުމުގެ ވެރިކަން ހިންގުމަށް އެންމެ އެކަށީގެންވަނީ ކޮން ނިޒާމެއްތޯ ކަނޑައެޅުމަށް، 1968 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރިފަރެންޑަމެއް ބޭއްވުނެވެ. މި ރިފަރެންޑަމްގައި ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމީ ޖުމްހޫރީ ނިޒާމެއް ޤާއިމުކުރުމަށެވެ.
މި ނިންމުމާއެކު ދިވެހި ތާރީޚުގެ އާ ޞަފްޙާއެއް ހުޅުވައިލެވުނެވެ. 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރެވުނެވެ. އަދި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާޞިރު އިސްކުރެވުނެވެ. މި ދުވަހަކީ ދިވެހި ދައުލަތުގެ ތާރީޚުގައި ސުލްތާނީ ވެރިކަމަށް ނިމުން ގެނެސް، ޤައުމުގެ ހުރިހާ ބާރުތައް ރައްޔިތުންނާ ގާތްކުރި ތާރީޚީ ދުވަހެކެވެ.
ޖުމްހޫރިއްޔާގެ ކުރިއެރުންތައް (1968 – މިއަދާ ހަމައަށް)
ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަން (1968-1978):
ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ބިންގާ އެޅުނެވެ. މި ދުވަސްވަރުގައި ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކަމަށްވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު (މިއަދުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު) ތަރައްޤީކުރެވުނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށްޓަކައި މާލޭގައި ފިޝަރީޒް ކޮމްޕްލެކްސް އެއް ޤާއިމުކުރެވުނެވެ. ތަޢުލީމީ ދާއިރާއިން ސްކޫލްތަކާއި، ޞިއްޙީ ދާއިރާއިން ހޮސްޕިޓަލްތައް ބިނާކުރުމަށްވެސް މި ދުވަސްވަރުގައި ބޮޑު ސަމާލުކަމެއް ދެވުނެވެ. އާދެ، ރާއްޖޭގެ ފަތުރުވެރިކަން ފެށުނީވެސް ރައީސް ނާޞިރުގެ ވެރިކަމުގައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން ފިޔަވަޅެކެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން (1978-2008):
ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަމަށްފަހު، 1978 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން ވަނީ ރާއްޖޭގެ ތަރައްޤީއަށް ނުހަނު ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. ތަޢުލީމާއި ޞިއްޙަތުގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރެއްވުމާއި، ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމާއި މަސްވެރިކަން އިތުރަށް ތަރައްޤީކުރައްވައި، ރާއްޖޭގެ އާމްދަނީ އިތުރުކުރެއްވިއެވެ. މީގެ އިތުރުން ދުނިޔޭގެ ތެރޭގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުކުރެއްވުމަށް ރައީސް މައުމޫން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅުގައި ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމު ޤާއިމުކުރެވި، ޑިމޮކްރަސީއަށް މަގުފަހިވެގެން ދިޔައެވެ.
ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބަދަލުވުން (2008 – މިއަދާ ހަމައަށް):
2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި ރައީސް ކަމަށް އިންތިޚާބުވެވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އިންސާނީ ހައްޤުތަކާއި، ޑިމޮކްރެޓިކް ހަމަތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިއެވެ. ކުލިމީޓު ބަދަލުވުމުގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށްވެސް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.
ރައީސް އަމީންއާއި ރައީސް ނާޞިރު ހިމެނޭހެން މިހާތަނަށް 8 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވާފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އަދި މިހާރުގެ ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ. މި ކޮންމެ ވެރިކަމެއްގައިވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި ތަފާތު ސިޔާސަތުތައް ހިންގައި، ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.
އެގޮތުން، ބޮޑެތި ޢުމްރާނީ މަޝްރޫޢުތަކާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތައް ހިނގަމުންދެއެވެ. މިއަދު ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ މައި ދިމާއެއްގެ ގޮތުގައި ފާހަގަކުރެވޭ ގައުމެކެވެ. މީގެ އިތުރުން ޑިމޮކްރެޓިކް ހަމަތަކާއި، އިންސާނީ ހައްޤުތަކަށް އިސްކަންދެމުންދާ ގައުމެކެވެ.
ޖުމްހޫރީ ދުވަހުގެ މުހިންމުކަން
ޖުމްހޫރީ ދުވަހަކީ ހަމައެކަނި ސަރުކާރު ބަންދު ދުވަހެއް ނޫނެވެ. މިއީ ދިވެހިރާއްޖެއަށް ލިބުނު މިނިވަންކަމާއި، ޤައުމީ އެއްބައިވަންތަކަމާއި، ޑިމޮކްރެޓިކް އުސޫލުތައް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހު ޤައުމީ ރޫޙު އާލާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤައުމީ ޚިޠާބު ދެއްވައި، ޤައުމީ ޝަރަފުގެ އިނާމުތައް ދެއްވައެވެ. މީގެ އިތުރުން ޤައުމީ ޚިދުމަތްތެރިންގެ މަސައްކަތްތަކަށް ސަރުކާރުން އިނާމު ދެއްވައެވެ. މީގެ އިތުރުން ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތުތަކާއި، އަސްކަރީ ހެޔަށްތަކާއި، ސްކޫލުތަކާއި މުއައްސަސާތަކުގައި ޚާއްސަ ޙަފްލާތައް ބާއްވައެވެ. މި ދުވަސްވަރަކީ ދިވެހިރައްޔިތުން، ޤައުމީ ވަންތަކަމާއި، މިނިވަންކަމަށްޓަކައި ކެނޑިނޭޅި ކުރެވުނު މަސައްކަތްތަކާއި، ޤުރުބާނީތައް ހަނދާންކޮށް، ޝުކުރުވެރިވާ ދުވަހެކެވެ. ޖުމްހޫރީ ނިޒާމުގެ ދަށުން ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތަކާއި، މިނިވަންކަމުގެ އަގު ވަޒަންކުރަން ދަސްކޮށްދޭ ދުވަހެކެވެ.
މިއަދު ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަހަރެމެންގެ ޒުވާން ޖީލަށް ދިވެހިރާއްޖޭގެ ތާރީޚާއި، ޤައުމީ މަސްރަހުގައި ޖުމްހޫރިއްޔާއަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ މުހިންމުކަން އުނގަންނައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޤައުމީ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، ތަރައްޤީއަށްޓަކައި ޖުމްހޫރީ ނިޒާމު ކިހާ މުހިންމު ދައުރެއް އަދާކުރާކަން އަންގައިދޭން ޖެހެއެވެ. ޑިމޮކްރަސީގެ އަގުތައް ކަމަށްވާ އިންސާފާއި، ހަމަހަމަކަމާއި، ޙައްޤުތައް ހިމާޔަތްކުރުމަކީ ޖުމްހޫރިއްޔާގެ ދަށުން އަބަދުވެސް އިސްކަންދޭންޖެހޭ ކަންކަމެވެ.
ނިންމުން
ދިވެހިރާއްޖެއަށް ޖުމްހޫރިއްޔާ ލިބުނުތާ މިވީ ދިގު ދަތުރަކީ، ދިވެހި ރައްޔިތުންގެ ހިތްވަރާއި، ޢަޒުމާއި، ޤައުމީ ލޯބި ދައްކައިދޭ ދަތުރެކެވެ. ތާރީޚުގެ މި ޞަފްޙާތަކުން އަހަރެމެންނަށް އިބްރަތް ލިބިގަނެ، އުފާވެރި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ. ޖުމްހޫރިއްޔާގެ އަސާސްތަކަށް ޤަދަރުކޮށް، ދިވެހި ޤައުމުގެ ސުލްހަ މަސަލަސްކަމާއި، މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދިނުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެކެވެ. މިއީ ދިވެހި ޤައުމުގެ އުޖާލާ މުސްތަޤްބަލަކަށްޓަކައި އަހަރެމެން ކުރާ އުންމީދެވެ.





