ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން 2025 ގެ ތެރެއިން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝައިން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ޕްރޮމޯޝަނަލް ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ
މި ރަސްމިއްޔާތުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ އޮނަރަބަލް ޠާރިޤު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކެމްޕޭނަކީ، ލަންޑަންގެ މަގުތަކުގައި ދުއްވާ 100 ޓެކްސީގައި ރާއްޖޭގެ ފުރިހަމަ މަންޒަރުތަކާއި ސިފަތައް ހިމެނޭ ގޮތަށް ކަވަރުކޮށްގެން ކުރިއަށްގެންދާ ވަރުގަދަ ކެމްޕޭނެއްކަމަށް މައުލޫމާތުދީފައިވެއެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، އިނގިރޭސިވިލާތުގެ މާކެޓްގައި ރާއްޖެއަށް ލިބިފައިވާ މަޤްބޫލުކަން އިތުރަށް ގަދަކުރުމާއި، މަތީ ފެންވަރުގެ ފަތުރުވެރިންނާއި، ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއި، މީޑިއާގެ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުންކަމަށް ބުންނެވެ.
މި ކެމްޕޭނުގެ ސަބަބުން ލަންޑަންގެ މީހުންނާއި ފަތުރުވެރިންނަށް ރާއްޖޭގެ ރީތިކަމާއި ޚާއްސަ ތަޖުރިބާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.
ޑަބްލިއު.ޓީ.އެމް ލަންޑަން 2025 ގެ ތިންވަނަ އަދި އެންމެ ފަހު ދުވަހުގައި، ދިވެހިރާއްޖެއިން މި ހަރަކާތުގައި ބައިވެރިވުން މިހާރު ވަނީ ނިންމާލާފައެވެ. މިއީ ކާމިޔާބު ދަތުރެއްކަމަށް ކަމާއި ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. މި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގެ މާކެޓްގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުންތައް ވަރުގަދަވެގެން ގޮސްފައިވާކަމަށް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވުނު މި ބޮޑު މައުރަޒަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޓޫރިޒަމްގެ މާހިރުންނާއި ވިޔަފާރިތައް އެއްކޮށްލާ މުހިންމު ޕްލެޓްފޯމެކެވެ. ދިވެހިރާއްޖެއިން މި މައުރަޒުގައި ބައިވެރިވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އިތުރުން، ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނާއި، ގިނަ އަދަދެއްގެ ރިސޯޓުތަކާއި ޓްރެވަލް އެޖެންސީތައް ހިމެނޭގޮތަށެވެ.
މި ފަހަރުގެ ޑަބްލިއު.ޓީ.އެމް ލަންޑަންގައި ދިވެހިރާއްޖެއިން ވަނީ ފުޅާ ދާއިރާއެއްގައި ބައިވެރިވެފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއި އެހެނިހެން ދަތުރުފަތުރުގެ ވިޔަފާރިތަކާއެކު އާ ގުޅުންތަކެއް ބިނާކޮށް، ކުރިން އޮތް ގުޅުންތައް އިތުރަށް ވަރުގަދަކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު އެއް މަޤްސަދަކީ ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖެއަކީ ދަތުރުފަތުރުކުރުމަށް އެންމެ ރަނގަޅު މަންޒިލެއްކަން އިޝްތިހާރުކުރުމެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، މައުރަޒަށް ޒިޔާރަތްކުރި ގިނަ އަދަދެއްގެ މީހުންނަށް ރާއްޖޭގެ ރީތިކަމާއި، ފަތުރުވެރިކަމުގެ ތަފާތު ޚިދުމަތްތައް ވަނީ ދައްކުވައިދީފައެވެ. މި ކާމިޔާބީގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރެވެއެވެ.

