ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމި މުޒާހަރާ ވަކި މުއްދަތެއް ނެތި ފަސްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ ރޭ ބޭއްވި ބައްދަލުވުމެއްގައި، ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މުޒާހަރާ ފަސްކުރަން ނިންމި ސަބަބުތަކާ ގުޅޭގޮތުން ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ސަރުކާރުން އެއްވުމަށް ވަރަށް ބޮޑެތި ހުރަސްތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން އެމްޑީޕީން އެއްވުމަށް އެދުނު ތަންތަން ކަމަށްވާ އާޓިފިޝަލް ބީޗާއި އަލިމަސް ކާނިވަލާއި އުސްފަސްގަނޑު ވެސް ނުދެވޭނެ ކަމަށް ބުނެ، އެއްވެސް ތަނެއް އެއްވުން ބާއްވަން ނުދޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިބުރޭ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެއްވުން ޕްރޮމޯޓްކުރުމަށް ވެސް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އިބުރޭ ތުހުމަތުކުރެއްވިއެވެ. ހުޅުމާލޭގައި އެއްވުމާ ގުޅޭގޮތުން ދެމި ހުރިހާ ބެނާއެއް ކަނޑާލާފައިވާ ކަމަށާއި، އަދި އެއްވުމުގައި ބައިވެރިވުމަށް ޕިކަޕުން ގޮވުމަށް އެ ޕާޓީން ކުރި މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފުލުހުން ނެރެ ހުއްޓުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެއްވުމަށް ހުރަސް އެޅުމުގެ ފަހަތުގައި ތިއްބެވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ކަމަށް އިބުރޭ ވަނީ ތުހުމަތުކުރައްވާފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ވިދާޅުވީ، ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން މިހާރުގެ ސަރުކާރުގެ ފަރާތުން ޑިމޮކްރެސީއަށް ޖާގަ ނުދޭނެކަން ހާމަވާ ކަމަށެވެ.
ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް، ނޮވެމްބަރު 17 ގައި ބާއްވަން އުޅުނު އެއްވުން ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާއިރު، އެއްވުން ބާއްވާނެ އާ ތާރީހާއި ތަނާއި ވަގުތު ޕާޓީގެ ލީޑާޝިޕުން ނިންމާ ގޮތަށް ވަނީ ފާސްކޮށްފައެވެ. އެމްޑީޕީން މިހާރު ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންނެވެ.

