ދަރިފުޅަށް ތުހުމަތުކުރި މައްސަލައެއްގައި ހެކި ނައްތާލަން އުޅުމާއި މަގާމުގެ ނާޖާއިޒު ބޭނުން ހިފި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް (ޑީސީޕީ) ފަރުހާދު ފިކުރީއަށް ކޮށްފައިވާ ސިޓީއެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ފޮނުވައިފިއެވެ.
މި ތުހުމަތުތަކަކީ ފަރުހާދުގެ ދަރިފުޅަކު ހިމެނޭ ދެ މައްސަލައެއްގައި މަގާމުގެ ބޭނުންކޮށްގެން ދަރިފުޅު ސަލާމަތްކުރަން ނަހަމަ ކަންކަން ކުރެއްވި ކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކެކެވެ.
ސިޓީގައިވާ ގޮތުން، ފަރުހާދުގެ ފިރިހެން ދަރިއަކު މަސްތުގެ ހާލަތުގައި ހުރެ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން، ފުލުހަކަށް ހަމަލާ ދިނުމުގެ މައްސަލައެއް ވެސް މި ސިޓީގައި ފާހަގަކޮށްފައިވެއެވެ. ބައެއް މަންސަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރުހާދު ފިކުރީގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރޭޕް އާއި ޖިންސީ ގޯނާގެ ސީރިއަސް މައްސަލައެއްގެ ތުހުމަތު ވެސް އެ ސިޓީގައި ހިމެނެއެވެ.
ގާނޫނުގައި ލައިސެންސް ނެތި ދުއްވުމާއި ސައްހަ ނޫން ޑޮމެއިން ނަންބަރު އަޅުވައިގެން ދުއްވާ އުޅަނދު ފަހަރު ޓޯކޮށް 10،000ރ. އިން ޖޫރިމަނާކުރަން ޖެހޭނެ ކަމަށް އޮތް ނަމަވެސް، މި މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ސިޓީގައި ތުހުމަތުކޮށްފައިވެއެވެ. މިކަމުގެ ސަބަބުން، މަގާމުގެ ނާޖާއިޒު ބޭނުން ހިފައިގެން ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތު ފަރުހާދަށް ވަނީ ކުރިމަތިވެފައެވެ.
ސިޓީގައިވާ ގޮތުން، ފަރުހާދު ވަނީ ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރުގެ ވަޓްސްއެޕް ނަންބަރަށް މެސެޖުކޮށް އޭނާގެ ދަރިފުޅުގެ ސައިކަލު ނެރެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފައެވެ. އަދި އޭގެ ފަހުން ޗީފް އިންސްޕެކްޓަރުގެ ނަންބަރަށް ގުޅައި ”ތިމަންނައާ މެދު ކަންތައް ކުރަނީ އާންމު މީހަކާ މެދު ކަންތައް ކުރާ ގޮތަށްތޯ“ ސުވާލުކޮށް، ފަރުހާދަށް ބޭނުން ކަމެއް މިއަދު ފުލުހުންގެ މުއައްސަސާގައި ކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. މިއީ މަގާމުގެ ބާރުގެ ބޭނުންކޮށްގެން ހެކި ނައްތާލުމަށް މަސައްކަތްކުރުމުގެ ސީރިއަސް ތުހުމަތެކެވެ.
މި ތުހުމަތުތަކާއި ގުޅޭގޮތުން ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ފަރުހާދު ފިކުރީ އަދި ވަކި އެއްޗެއް ވިދާޅުވެފައިނުވާއިރު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީން މި މައްސަލަ ބަލަން ފަށާނެ ކަމަށް ބެލެވެއެވެ. މިފަދަ ސީރިއަސް ތުހުމަތުތަކެއް ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ކުރުމަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާގެ އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ.

