ރަސްމާލެއިން 15،000 ގޯއްޗާއި، މާލެ ސަރަހައްދަށް ޚާއްސަކޮށްގެން 7،000 ހައުސިން ޔުނިޓަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިއަހަރުގެ ބާކީ މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މާލޭގައިވެސް މަޝްރޫއުތަކެއް ފަށާނެކަމަށާއި، މިކަންކަމުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ޖުމްލަ 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދަށް އަމާޒުކޮށް 3،000 ފްލެޓް އިމާރާތް ކުރުމުގެ އެގްރީމެންޓުގައި ސޮއިކުރުމުގެ މަސައްކަތް ހިމެނޭއިރު، އިތުރު 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ދޫކުރާ 15،000 ގޯތި ޚާއްސަވާނީ މާލޭ ރަށްވެހިންނަށެވެ. ރައީސް ވިދާޅުވީ މި ގޯތިތައް ދިނުމުގައި ވައުދުވެފައިވާ ގޮތަށް، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށާއި، މާލޭ ދަފްތަރުގައި ވާ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. ރަސްމާލެއަކީ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން މުޅި ރާއްޖޭގައިވެސް ހިއްކާ އެންމެ ބޮޑު ބިންކަން ފާހަގަކުރައްވައި، ކުރިއަށް އޮތް 5 މަހެއްހާ ދުވަހުން ހިއްކާ ބިމުން ފުރަތަމަ ބުރުގައި މި 15،000 ގޯތި ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާޅޭގެ ތިން ވަނަ ފިޔަވަހީގެ ބާކީ އޮތް ބައި ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރުވެސް މެދުކެނޑުމެއް ނެތި 3 ސަރަހައްދެއްގައި ކުރިއަށްދާކަމަށާއި، އެއްބައި ހިއްކާ ނިމިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އިތުރު ޑްރެޖަރުތަކަށް އޯޑަރުކޮށް، އެކަމުގެ އިންތިޒާމް ހަމަޖެހިފައިވާތީ، އަންނަ މަހުގެ ތެރޭގައި މަސައްކަތުގެ ބާރުމިން ތިން ގުނައަށް އަވަސްވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ވީ ވައުދުތަކާ އެއްގޮތަށް، ބޯހިޔާވަހިކަން ނުލިބޭ 18 އަހަރުން މަތީގެ އެއްވެސް ރައްޔިތަކު ނުބެހެއްޓުމަށް އާއިލީ ބޯހިޔާވަހިކަމުގެ ކޮންސެޕްޓަށް މަޝްރޫއުތައް ހިންގާނެކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއްވެސް މީހަކަށް ލިބިފައިވާ ގޯއްޗެއް އަތުނުލުމަށް ވައުދުވެފައިވާނެކަމަށް ވިދާޅުވެ، އެ ގޯތިތައް ހިއްކުމަށް ނަގާ ވަގުތު ނަގާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

