ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ބަޖެޓުގެ ބޮޑުބައެއް ހަރަދު ވަނީ މުސާރައާއި، ކުއްޔަށް!

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައި ވަނީ މި އަހަރަށް ލިބުނު މިންވަރަށް ވުރެ ވެސް ކުޑަ އަދަދެއްކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް، އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ.

މިއަދު ކުރިޔަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި، ޝާމިލް ވިދާޅުވީ އޭސީސީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ހަރަދުތަކަށް ފިނޭންސްގައި ގިނަ ފަހަރަށް ހުއްދައަށް އެދެން ޖެހޭކަމަށެވެ. އެހެންކަމުން ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ބަލައި، އެކަށީގެންވާ ބަޖެޓެއް ކަނޑައަޅައިދޭން ޝާމިލް އެދިވަޑައިގަތެވެ.

ޝާމިލް ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި، އޭސީސީއަށް ހިމަނާފައި ވަނީ ކުޑަ ބަޖެޓެއް ކަމަށެވެ. އެގޮތުން ކޮމިޝަނަށް މި އަހަރު 52 މިލިއަން ރުފިޔާ ހަރަދު ކުރާނެކަމަށް ބަޖެޓުގައި އޮތް ނަމަވެސް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ 47 މިލިއަން ރުފިޔާކަމަށް ޝާމިލް ވިދާޅުވި އެވެ.

ބައެއް މަސައްކަތްތަކުގައި ދިމާވާ ދަތިތައް ފިނޭންސް މިނިސްޓްރީއަށް ތަކުރާރުކޮށް ހުށަހަޅާފައިވާނެކަމަށް ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވި ގޮތުގައި، ކޮމިޝަންގެ ބޭސްލައިން ބަޖެޓުގެ 78.3 އިންސައްތަ، ނުވަތަ 37 މިލިއަން ރުފިޔާ، ހިނގަނީ މުވައްޒަފުންގެ މުސާރަ އާއި އިނާއަތްތަކަށެވެ. މުޅި ރާއްޖެއަށް ތަހުގީގުތައް ހިންގުމަށް ބޭނުންވާ ދަތުރުފަތުރަށް ހަމަޖައްސާފައި ވަނީ ބަޖެޓުގެ އެންމެ 0.3 އިންސައްތަ، ނުވަތަ 130,000 ރުފިޔާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭސީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝާމިލް ވިދާޅުވީ، މައުލޫމާތު ސާފުކުރުމަށް މީހުން ހާޒިރުމާއި އެކު، އެ މީހަކު ކުށްވެރިވީކަމަށް އާންމުންނާއި ނޫސްތަކުން ދެކޭ ގޮތަށް ކަންކަން ދިމާވާކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އޮންނަ މުވައްސަސާއެއް ހިންގަނީ ފުލުހުންގެ އިދާރާތައް ހިންގާ ގޮތަށްކަން ޝާމިލް ފާހަގަކުރެއްވި އެވެ.

މިހާރު އޭސީސީ ހިންގަމުން ދަނީ، މައި ބޮޑު މަގުގައި ހުރި އިމާރާތެއްގައިކަމަށްވާއިރު އެއީ އާންމުން ދިރިއުޅެމުންދާ އިމާރާތެއްކަމަށް ޝާމިލް ވިދާޅުވި އެވެ. އަދި އިމާރާތުގައި ކުޑަކުދިން ވެސް ދިރިއުޅޭކަން ފާހަގަކޮށް ވިދާޅުވީ، ހާޒިރު ކުރާ ކޮންމެ މީހަކީ އެއީ ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރެވޭ ކަމަށެވެ.

ޝާމިލް ވިދަޅުވި ގޮތުގައި، ކޮމިޝަނަށް ލިބޭ ބަޖެޓުގެ 10.1 އިންސައްތަ ކުއްޔަށް ހަރަދު ކުރަން ޖެހެ އެވެ.

ކޮމިޝަނަށް ދީފައިވާ ބަޖެޓު ބޮޑު ނަމަވެސް، މަސައްކަތްތަކަށް ލަސްކަމުގެ ޝަކުވާ މެމްބަރުން ކުރުމުން ޝާމިލް ވިދާޅުވީ ކޮމިޝަނުން މައްސަލައެއް ބަލާއިރު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވަރަށް ގިނަ ކަންކަން ފުރިހަމަ ކުރަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ ކޮމިޝަނުގައި ފަންނީ ގާބިލުކަމާއި، ވަސީލަތްތައް ހުރި ގޮތުން ވެސް ގޮންޖެހުންތައް ދިމާވާކަމަށެވެ.

ޝާމިލް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތްތަކަށް ލަސްވުމެއް އަންނަނީ، ނުފޫޒުގެ ސަބަބުންކަމަށް ބައެއް މީހުން ދެކޭކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި، މި ސަރުކާރުން ވެސް މިހާތަނަށް ކޮމިޝަނުގެ އެއްވެސް މައްސަލައެއް ކުރިޔަށް ނުގެންދިއުމަށް ދިން އިރުޝާދެއް ނެތްކަމަށް ޝާމިލް ވިދާޅުވި އެވެ.

އޭސީސީން ހުށަހެޅި ”ނިއު ޕޮލިސީ އިނީޝިއޭޓިވް“ ގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވަނީ އެންމެ އިސްކަންދޭ ތަރުތީބުން ތިންވަނައިގައި ހުރި ކަމެއް ކަމަށާއި، މި ކަމަށް ދެ ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއްވި އެވެ.

އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާގައި ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު އެކަށީގެންނުވާކަމަށް ވެސް ޝާމިލް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: