ސަރުކާރުން ހުށައެޅި ނަމަވެސް މެންބަރުންގެ ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެދޭ ގޮތަށް ހުންނަ ބިލުތަކަށް ތާއީދެއް ނުކުރާނެކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅީ ޕާޓީއިން މެންބަރަކު ކަނޑާލުން ނޫނީ އެ މެންބަރަކު އަމިއްލައަށް ޕާޓީ ބަދަލުކުރުމުން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ގޮނޑި ގެއްލޭ ގޮތަށް ހެދުމަށްކަމަށެވެ.
މިއީ އަބަދުވެސް ކަން ކުރާ ގޮތްކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަމަލުކުރީ މިހެންކަމަށެވެ. އަދި މި ނިންމުމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުންވެސް ތާއީދު ކުރިކަމަށް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ވަކި ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓަކު މެންބަރުކަމަށް ކުރިމަތިލުމުން ރައްޔިތުން އޭނާ އިންތިހާބު ކުރަނީ އެ ސިޔާސީ ފިކުރަށް ތާއީދުކޮށްފައިކަމަށެވެ. އެހެންކަމުން ކުއްލިއަކަށް ނިންމުން ބަދަލުކުރުމަކީ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ. އެ ހާލަތުގައި މެންބަރު ޖެހޭނީ އިސްތިއުފާ ދެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ.
އެހެންވއްްޖިއްޔާ އޭނަ އިސްތިއުފާ ދީފަ ދާންވީ. އޭނަ ގަބޫލުކުރާ ގޮތުގައި ތިމަންނަ މިހާރު މި ހުރީ ރަނގަޅަށް ނޫންކަމާއި، ތިމަންނަ މި ހުރި ޕާޓީއިން އެންމެ ރަނގަޅަށް ނޫންކަން ކަންތައްތައް ކުރަނީ ގަބޫލުކުރަންޏާއި އިސްތިއުފާދީފައި ދާންވީއެއް ނޫންތޯ. ރައްޔިތުންގެ ވޯޓަކަށްދާނެ އޭރުން. ގޮނޑި ދިޔައީމަ، ގޮނޑީ ގެއްލުނީމަ ރައްޔިތުން އިންތިހާބުކުރާނެ ދެވަނަ ފަހަރަށް މީހަކު.
މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ޕާޓީ ބަދަލުކުރާނަމަ އަމިއްލައަށް އިސްތިއުފާ ދިނުމަށްފަހު، އޭނާ ދެން ތާއީދުކުރި ފިކުރެއްގައި އިންތިހާބަށް އަނެއްކާވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. ދެން ތާއީދު އޮތްކަމަށްވާނަމަ ރައްޔިތުން އެމީހަކު އިންތިހާބުކުރާނެކަމަށް ވިދާޅުވިއެވެ.
މަޖިލީހުގައި މަސައްކަތްކުރަން ޖެހޭޏީ ރައްޔިތުންގެ ހައްގުގައިކަމަށާއި، މެންބަރުންގެ ނަޒާހަތްތެރިކަމާއިމެދު ސުވާލު އުފެދޭ ގޮތަށް އަމަލުކުރުމުގެ ޖާގަ އެއްވެސް މެންބަރަކަށް އޮވެގެން ނުވާނެކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، އެ ނޫން ގޮތަކަށް ތާއީދުނުކުރާނެކަމަށެވެ. ސަރުކާރުން އެ ބިލެއް ހުށައެޅި ނަމަވެސް އެކަމަށް ތާއީދު ނުކުރާނެކަމަށް ވިދާޅުވީއިރު، އޭނާއަކީ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ.
ނަމަވެސް ސަރުކާރުގެ ފަރާތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށައަޅާފައިވާ އިސްލާހަށް ތާއީދު ކުރައްވާކަން މެންބަރު ހާމަކުރެއްވިއެވެ.

