ކައުންސިލްތަކުން މަސައްކަތް ކުރާއިރު، ކަންކަމުގެ ހުއްދައަށް ފިނޭންސްގައި އެދެން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އޭސީސީން ކައުންސިލްތަކުގެ ފަހަތުން ނުދުވާނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ބައެއް މަސައްކަތްތައް ކުރުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހިމަނާފައި ވެއެވެ. އެގޮތުން ކައުންސިލްތަކުން ކުރާ ވިޔަފާރީގެ މަސައްކަތަކީ އެ ކައުންސިލެއް ނިސްބަތްވާ ރަށްތަކުގައި އަމިއްލަ ވިޔަފާރިތަކުން ކުރާ އިގްތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއަކަށް ވެގެން ނުވާނެކަމަށް ވަނީ ގާނޫނުގައި ހިމަނާފަ އެވެ. އަދި އެ މަސައްކަތަކީ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައި ވުމާއި އެކު، ކައުންސިލްތަކުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެކަމަށް ބަޔާންކުރެއެވެ.
މި މައްސަލައިގައި ބައެއް ކައުންސިލްތަކުން ހިތްހަމަނުޖެހުން ފާޅުކުރިއިރު، އިދިކޮޅުން ވެސް ވަނީ މިއީ ކައުންސިލްތަކަށް ނުފޫޒު ފޯރުވުންކަމަށް ސިފަކޮށްފަ އެވެ.
”ސަންގު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބައެއް ބަދަލުތަކާއި ގުޅޭގޮތުން އާދަމް ޝަރީފް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެގޮތުން ކައުންސިލްތަކުން މަސައްކަތްތައް ހިންގާއިރު، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން މުހިންމުކަމަށް ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ދައުރު ނިމި، ދުވަސްތަކެއް ފަހުން އެކި ތުހުމަތުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުތަކުން ކައުންސިލްތައް ސަލާމަތްވެ، އެކަންކަން ހަރުދަނާ ވެގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ކައުންސިލްތަކަށް މިހާރު ލިބިފައިވާ ބާރުތަކުގެ ސަބަބުން، ބައެއް ކައުންސިލްތަކުން އަމިއްލަ އިސްނެގުމަށް އެރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ކައުންސިލްތަކުން ބިން ދޫކުރާއިރުވެސް ދެމެހެއްޓެނިވި ގޮތަކަށް، އެކަމުން ފައިދާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ބަހައްޓަން ޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިހާރު ކައުންސިލްތަކުން ކަންކަން ހިންގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭކަމަށް ވިދާޅުވި އެވެ
މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ، ކައުންސިލްތަކުގެ ހާލަތު ރަނގަޅުކޮށް، އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ 2026 ގެ ޖޫން މަސް އަންނަން ވާއިރަށް، 55 ރަށުގެ ކައުންސިލްގެ މަސައްކަތް ނިންމުންކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރެވޭ 50 ކައުންސިލްގެ ފީސިބިލިޓީ ސްޓަޑީ ނިމިފައިވާކަމަށާއި، މި މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މި ދެންނެވި ކަންތައްތަކުގެ އިތުރަށް ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ތެރެއިން އަޅުގަނޑުމެން 24 ކައުންސިލެއް އިމާރާތް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. މިހުރިހާ ކަމަކަށް ބަލާއިރު 129 ކައުންސިލް ރައީސްގެ ޒައާމަތުގެ ތެރޭގައި، 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ. މި މަސައްކަތް ނިމިގެންދާއިރު އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު އެއްކަމަކީ މި މަސައްކަތުގެ ނަތީޖާއަކަށް ވާނީ، ރާއްޖޭގެ ހުރި ކައުންސިލް އިދާރާ ތަކުގެ ތެރެއިން 72 އިންސައްތަ ކައުންސިލްތައް މުޅިން އައު ކައުންސިލްތަކަށް ބަދަލުވެގެން ދާނެއޭ
މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއިއެކީގައި ކައުންސިލްތަކުން ދޭ މުނިސްޕަލް ހިދުމަތްތައްވެސް ފޯރުކޮށްދިނުމުގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ. މިއީ ރައީސްގެ ވަރަށް ބޮޑު ތަސައްވުރެއް ކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމްކުރުމުގެ މަސައްކަތާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރަށް 4 މޯބައިލް ޔުނިޓު ހޯދާކަމަށާއި، އެއީ އުތުރާއި ދެކުނުގައި މަސައްކަތް ކުރާނެ 4 ސެޓުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ވެސް ރަށްރަށުގެ ފަރުތައް ތިލަވުމާއި ނެރުތައް ތިލަވުމުގެ މައްސަލަ ދިމާވާކަން ފާހަގަކުރައްވައި، މިފަދަ ކަންކަމަށް ވަކި ހާއްސަ ސެޓަޕްތަކެއް ބޭނުންވާ ކަމަށާއި، އުތުރުގައި އެއް ސެޓަޕް އަދި ދެކުނުގައި އެއް ސެޓަޕް ހުރެގެން މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

