ވިލިމާލޭގައި ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާކަމަށާއި، ފަންޑިންގެ އެއްވެސް މައްސަލައެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގެ ތަރައްގީއަށް ސަރުކާރުންވެފައިވާ ވައުދުތަކާއި ގުޅޭގޮތުން ރައީސް މައުލޫމާތު ދެއްވާފައި ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް މިރޭ އޮތް ޖަލްސާގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވިލިމާލޭ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައްވެފައިވާނެކަމަށާއި، އެމަނިކުފާނު އޭގެއިން އެއްވެސްކަމެއްގެ މަތީން ހަނދާން ނައްތާލާފައި ނުވާނެކަމަށެވެ. އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ވިލިމާލެއަށް ވީވައުދުތަކުގެ ތެރެއިން، ރައްޔިތުން އެންމެ އެނގެން ބޭނުންވެފައި ވަނީ ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ ހިސާބުކަން ފާހަގަކުރައްވައި ރައީސް ވިދަޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިޔަށްދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މަޝްރޫއުގެ ހުރިހާކަމެއް ހަމަޖެހި، ފަންޑިންގެ އެއްވެސް މައްސަލައެއް ވެސް ނެތް ކަމަށެވެ.
މިހާރު މި މަޝްރޫއުގެ ހުރިހާ މަރުހަލާތައް ރަނގަޅަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މަސައްކަތް ފެށުމުގެ ކުރިން، މިހާރު ހުރި ހޮސްޕިޓަލް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ކުރިޔަށް ގެންދާނެކަމަށެވެ.
އިތުރު މަޝްރޫއުއެއްގެ ގޮތުގައި ރައީސް ދެން ވިދަޅުވީ ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތެވެ. އަދި އެ ޕްރޮޖެކެްޓު ވެސް ކުރިޔަށް ދާނީ ޗައިނާ ހިލޭގެ އެހީގެ ދަށުންކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަގު ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެނާއި ނަރުދަމާ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށެވެ.
މީގެއިތުުރުން ޒުވާނުންނަށް ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް އިއުލާނު ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ 1200 މީހުންގެ ޖާގައިގެ، ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ގާއިމްކުރެވޭ މަރުކަޒެކެވެ.
މީގެ އިތުރުން، ވިލިމާލޭ ފުޓްބޯޅަ ދަނޑު ފީފާ ސްޓެންޑަޑަށް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ވިލިމާލެއަށް މީގެ ކުރީގައި އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަވައި ރައްޔިތުންނަށް ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ. ވިލިމާލެއަކީ މާލޭ ސިޓީގެ އެއްބައި ކަމަށާއި، ވިލިމާލެއާއި މެދު ތަފާތުކުރުން ގެންގުޅެން ޖެހޭކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުކަމުގައި ވެސް ވިލިމާލޭގެ ތަރައްގީއަށް މަސައްކަތްކުރެއްވިކަމަށާއި، މިހާރު ސަރުކާރުން މާ ފުރިހަމައަށް އެކަންކަން ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

