ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުމަށްވެފައިވާ ވައުދުގެ ދަށުން، ވިލިމާލޭގައި ވެސް މި ހިދުމަތް ލިބޭނެ އިންތިޒާމު އަންނަ އަހަރު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި، ވައުދުވެފައިވާ ގޮތަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށިގެންދާނެކަމަށް ރައީސް ވަނީ މީގެ ކުރިން އިއުލާނު ކުރައްވާފަ އެވެ. މި ނިންމެވުމުގެ ބޭނުމަކީ، ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދައިދީ، ކުދި ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދިނުންކަމަށް ރައީސް ވިދާޅުވި އެވެ.
ޑޮލަރު އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން، ސަރުކާރުގެ ވައުދަކީ 70 ރަށެއްގައި މި ހިދުމަތް ފެށުމެވެ. އެގޮތުން މަޝްރޫއުގެ ދަށުން، ޑޮލަރު އޭޓީއެމް ވިލިމާލޭގައި ވެސް ގާއިމު ކުރައްވާނެކަމަށް ރައީސް އިއުލާނު ކުރެއްވީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވިލިމާލޭގެ އޭޓީއެމް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ގާއިމު ކުރެވޭނެ އެވެ. މިއާއި އެކު ރައްޔިތުންނާއި ގުޅުން ހުރި އެތައް ހިދުމަތެއް ގާއިމު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ކުރިން މިދޭތެރެއިން އިއުލާންކުރިން 70 ރަށެއްގައި ޔޫއެސް ޑޮލަރު އޭޓީއެމް ބަހައްޓާ ވާހަކަ.. އޭގެ އޭޓީއެމް އެއްވެސް ހަމަ މި އަހަރު މާޗް މަހުގެ ނިޔަލަށް ދާއިރު ބަހައްޓާ ވާހަކަ.. އޭގެތެރެއިން އެއް އޭޓީއެމް ވިލިމާލޭގައި ބަހައްޓާ ގޮތަށް އޮތީ ހަމަޖެހިފަ.. ދެން ހަމަ މިކަހަލަ ގިނަ ކަންތައްތަކެއް އޮތީ ކުރިއަށް…
ރައީސް ވިދާޅުވީ އެންމެ ބޮޑަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ބައެއް ރަށްތަކާއި، ބައެއް ސިޓީތަކުގައި ޑޮލަރު އޭޓީއެމް ގާއިމުކުރައްވާނެ ކަމަށެވެ. ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ވައުދުވީ މަދު ރަށެއްގައި ނަމަވެސް މި ހިދުމަތް ބޭނުންވެފައިވާ ގިނަ ރަށްތައް އެބަހުރިކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މިގޮތަށް މަސައްކަތް ކުރަނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ހުޅުވާލުމަށެވެ.

