އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވައިފި އެވެ.
ވާދަވެރި އިންތިހާބަކުން އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިހާބުވެވަޑައިގެންނެވި ފައްޔާޒް، މަގާމުން އިސްތިއުފާ ދެއްވީ 2026 ގައި އޮންނަ ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށެވެ.
ފައްޔާޒް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަރަށް ކުރިން އިއުލާނު ކުރައްވާފަ އެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ، ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފައްޔާޒް އިއުލާނު ކުރެއްވީ، މިރޭ ކުރިޔަށް ގެންދިޔަ ޕާޓީގެ ސިއްރު ގައުމީ މަޖިލިސް ބައްދަލުވުމެއްގަ އެވެ.
އިސްތިއުފާ ދެއްވައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި އާންމު މެންބަރުންނާއި ޕާޓީގެ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފުކަން ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

