ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ރަނގަޅުކުރުމަކީ ސަރުކާރުގެ އިސްލާޙުތަކުގެ ހެޔޮ އަސަރު: މާލީ ވަޒީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޫޑީޒް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ”ނެގެޓިވް“ އިން ”ސްޓޭބަލް“ އަށް ބަދަލުކުރުމަކީ، ސަރުކާރުން ފާއިތުވި އަހަރުތަކުގައި ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި އިސްލާޙީ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މި ބަދަލަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެއް ކަމުގައި ސަރުކާރުން ދެކެއެވެ. މޫޑީޒްއިން ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓާފައިވީ ނަމަވެސް، އައުޓްލުކް ރަނގަޅުވުމަކީ ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަން އިތުރުވެ، ދަރަނި ދެއްކުމުގެ ޤާބިލުކަން މަތިވެފައިވާކަން ދައްކުވައިދޭ ކަމެކެވެ.

ހަރުދަނާ މާލީ ސިޔާސަތުތަކުގެ ނަތީޖާ

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް މޫޑީޒް އިން ”ސްޓޭބަލް“ އަށް ބަދަލުކުރިކުރުމަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެކެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަ ކަމެކެވެ. މޫޑީޒްއިން ފާހަގަކުރާ ގޮތުގައި، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުތައް

ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބައްޓަން ކޮށްފައިވާތީ، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު ހުރީ އިތުރުވެފައެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އައީ ފާހަގަކުރަމުންނެވެ. މިގޮތަށް ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި އަދަދުތަކުން ހޭދަކުރަންޖެހިފައި އޮތް އޮތުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒަރވް ފަހުގެ ތާރީހެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިއުމެވެ. މި ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައެވެ.

އިޤްތިޞާދީ އިސްލާޙުތަކުގެ އަސަރު

ރާއްޖޭގެ އިޤްތިޞާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާލީ ސިޔާސަތުތަކުގެ ބަދަލުތައް ހިމެނެއެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ޤަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.

މީގެ އިތުރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް އިތުރުވެފައިވާކަން މޫޑީޒްއިން ފާހަގަކުރެއެވެ. މިދިޔަ އަހަރު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރި މި އަދަދު، 9 ނޮވެންބަރު 2025 ގެ ނިޔަލަށް 126 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައެވެ. މޫޑީޒްގެ ނޫސްބަޔާނުގައި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ފާހަގަކޮށްފައެވެ.

އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަން

މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިޤްތިޞާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި 10 އިންސައްތައިން ވަނީ އިތުރުވެފައެވެ. ހަމަ އެހެންމެ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: