ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް، އެތައް އަހަރެއްގެ ތެރޭގައި ނުވެހޭ ވަރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާގައި އެތައް ހާސް މީހުން މަރުވެ އަދި އެތައް ބަޔަކު ގެއްލިގެން ހޯދަމުން ދާކަމުގެ ރިޕޯޓުތައް ލިބެމުންދާ އިރު، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވަނީ އޭގެ އަސަރު ކޮށްފައެވެ.
އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކަށް މި މޫސުމީ ވިއްސާރަ އާއި ޓްރޮޕިކަލް ތޫފާންތަކުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކަކީ ވަރަށް ބޮޑެތި ގެއްލުންތަކެކެވެ.
އިންޑޮނޭޝިއާއަށް ކުރިމަތިވި ބޮޑެތި ގެއްލުންތައް
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޑޮނޭޝިއާގެ ސުމަޓްރާ ރަށަކީ މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދެވެ. މިހާތަނަށް ސުމަޓްރާގައި މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރާފައިވާ އިރު، އަދިވެސް ގިނަ ބަޔަކު ގެއްލިގެން ހޯދަމުން ދާތީ، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.
“ސައިކްލޯން ސެންޔާރު” ގެ ނަމުން ނަންދެވިފައިވާ ނާދިރު ޓްރޮޕިކަލް ތޫފާނެއްގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ބޮޑެތި ފެންބޮޑުވުންތައް ކުރިމަތިވިއެވެ. ގިނަ ގެތައް ވަނީ ފެނަށް ގެއްލި، އެތައް ހާސް އިމާރާތްތަކެއް ވަނީ ފެނުގެ އަޑީގައެވެ.

ނުރައްކާތެރިކަމުގެ ހާލަތާއި ސަލާމަތްކުރުމުގެ މަސައްކަތް
ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅުނެވެ. އިންޑޮނޭޝިއާގެ ކާރިސާ ބަލަހައްޓާ އެޖެންސީން ބުނި ގޮތުގައި، އެތައް ހާސް ބަޔަކު ސަލާމަތް ކުރެވިފައިވީ ނަމަވެސް، އަދިވެސް އެތައް ސަތޭކަ މީހުން ވަނީ އެކި ތަންތަނުގައި ގެއްލިފައެވެ.
އެންމެ ބޮޑަށް ގެއްލުން ލިބުނު ތަނެއް ކަމަށްވާ ތަޕަނުލީގައި، ކާބޯތަކެތި ހޯދުމަށް ރައްޔިތުން ވަނީ ގްރޮސަރީ ފިހާރަތަކަށް ވަދެ، ތަކެތި ގެންގޮސްފައެވެ. މި ހާލަތުގައި، އަވަސް އަދި ރަނގަޅަށް ރާވައިގެން މަސައްކަތް ކުރުމަށްޓަކައި ސުމަޓްރާގައި ގައުމީ ކާރިސާއެއްގެ ހާލަތު އިޢުލާނު ކުރުމަށް ޖަކާޓާގެ ސަރުކާރަށް ޕްރެޝަރު ބޮޑުވެފައި ވެއެވެ.
ތައިލެންޑްގެ ހާލަތު
ތައިލެންޑްގެ ދެކުނުގެ ސޮންގްކްލާ ޕްރޮވިންސްގައި ފެން 3 މީޓަރަށް (10 ފޫޓަށް) އުފުލި، އެ ސަރަހައްދުގެ އެންމެ ނުރައްކާތެރި ފެންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ މި ހާދިސާގައި އެކަނިވެސް 145 މީހުން މަރުވިއެވެ. އެގައުމުގެ ސަރުކާރުން ހާމަކުރި ގޮތުގައި، ފެންބޮޑުވުމުގެ އަސަރު ކުރި 10 ޕްރޮވިންސްގައި ޖުމްލަ 160 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި 3.8 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ އޭގެ އަސަރު ކޮށްފައެވެ.
ހާޓް ޔާއީ ސިޓީއަށް އެއް ދުވަހުގެ ތެރޭގައި 335 މިލިމީޓަރުގެ ވާރޭ ވެހުނު އިރު، މިއީ 300 އަހަރުގެ ތެރޭގައި އެންމެެ ބޯކޮށް ވާރޭ ވެހުނު ފަހަރެވެ. އަދި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވެއެވެ. ހާޓް ޔާއީގެ ހޮސްޕިޓަލެއްގައި، މަރުވި މީހުން ބާއްވާ ގޮޅި (މޯގް) ފުރިގެން ދިއުމުން، މުވައްޒަފުންނަށް މަޖުބޫރުވީ މަރުވި މީހުންގެ ހަށިތައް ފްރިޖް ޓްރަކްތަކަށް ބަދަލުކުރުމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގައި ކުރިމަތިވި މި ބޮޑު ފެންބޮޑުވުމުގެ ހާދިސާއަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހާދިސާއެކެވެ. އެތައް ހާސް މީހުންގެ ފުރާނަ ގެއްލި، އެތައް މިލިއަން ބަޔަކަށް ގެއްލުން ލިބުނު މި ކާރިސާއިން އަރައިގަތުމަށް ގައުމުތަކަށް ދިގު މުއްދަތެއްގެ އެހީތެރިކަމާއި، މޫސުމީ ކާރިސާތަކަށް ތައްޔާރުވުމުގެ ރަނގަޅު ނިޒާމެއް ބޭނުންވެއެވެ. މިފަދަ ހާދިސާތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ވަރަށް މުހިއްމެވެ.

