މީހުންނަށް އޮޅުވާލައިގެން، އެކި މީހުން އަތުން ފައިސާ ނެގި ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާާއި ގުޅިގެން މައުލޫމަތު ދެމުން، ފުލުހުން ބުނީ، މަކަރާއި ހީލަތަކުން އެކި މީސްމީހުންގެ އަތުން ފައިސާ ނަގާ، އެ ފައިޔާ ވިޔަފާރި އެކައުންޓުތަކަށް ޖަމާކުރުވާ، ފައިސާ ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެގޮތުން، އެ މީހާއަކީ، ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން، 23އ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، ޑޮލަރު ވިއްކާ ވައިބާ ގުރޫޕެއްގައި، ޑޮލަރު އެކްސްޗޭންޖުކުރުމަށްޓަކައި، މީހަކު 1،250 ޑޮލަރު ފޮނުވުން، އެ އަދަދަށް ވާ ފައިސާ އަނބުރާ ނުދިން މައްސަލައެއްގައި، 2025 ނޮވެމްބަރު 27 ވާ ބުރާސްފަތި ދުވަހުގައެވެ.
މީގެއިތުރުން، ފުލުހުންގެ އިންޓި ސްކޭމު ސެންޓަރަށް ހުށަހެޅިގެންދިޔަ މި މައްސަލައާއި ގުލިގެން، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަނީ، 1،250 ޑޮލަރު އަނބުރާ ހޯދައިފައެވެ. އަދި، އެ ސެންޓަރުން ބަލަމުންދިޔަ އެހެން 2 މައްސަލައެއްގައި ހިމެނޭ ފައިސާވެސް އަނބުރާ ހޯދައިފައިވާ ކަމަށް ފުލުހުން ބުނިއެވެ.
އެހެންނަމަވެސް، އެ ދެ މައްސަލައިގައި ފުލުހުން އަނބުރާ ހޯދި ފައިސާގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
1،250 ޑޮލަރު މީހެއްގެ އަތުން ނެގި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.
މީގެއިތުރުން، މި މައްސަލައާއި، ގުޅިގެން ފުލުހުން ބުނީ، އެކި ހިދުމަތްތައް ފޯރުކޮށްދޭ ކަމަށް ވަކާލާތުކޮށް، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި އިޝްތިހާރުކޮށް، މަކަރާއި ހީލަތުން، އޭނާ ހޯދާ ފައިސާ ފޮނުވުމަށް، އެކި މީހުން ގާތުގައި އެދެނީ އެކި ވިޔަފާރީގެ ނަމުގައި ހުޅުވައިފައިވާ ހުންނަ ބޭންކު އެކައުންޓުތަކަށް ކަން، ފުލުހުންގެ ތަހުގީގުންނާއި ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނިއެވެ.
ހަމައެއާއިއެކު، ޑޮލަރު މާރުކުރުމާއި، ތަކެތި ވިއްކުމާއި އެހެނިހެން ހިދުމަތްތައް ދޭ ކަމަށް ބުނެ، އެ ހިދުމަތްތަކަށްވާ ފައިސާ، އެކި ވިޔަފާރި އެކައުންޓުތަކަށް މަކަރާއި ހީލަތުން، ޖަމާކުރުވާ، އެ ވިޔަފާރިތަކަށް ގުޅައިގެންވެސް، ނަގުދު ފައިސާގެ ގޮތުގައި، އޭނާ ފައިސާ ނަގަމުން ދިޔަ ކަމަށް ފުލުހުން ބުނިއެވެ. އަދި، ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި، އެ ފައިސާއަށްވާ މުދާވެސް އެނާ ނަގަމުންދިޔަ ކަމަށް ފުލުހުން ބުނިއެވެ.
ފުލުހުން ވަނީ، ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން، އެއްވެސް ފަރާތެއް ބުނާ އެކައުންޓް ނަންބަރުގައިވާ، ވިޔަފާރީގެ ނަމަކީ، އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ހޯދައި، ބަލާ އަދި ޔަގީން ކުރުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މަކަރާއި ހީލަތެއް ފަދަ ހާލަތެއް ކުރިމަތިވެ، ޝައްކު ކުރެވޭ ކަމެއް ކުރިމަތިވެއްޖެނަމަ، ފުލުހުންގެ ރިޕޯޓު ކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

