ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިންނާއި މެމްބަރުންނަށް ދޭ އިނާޔަތްތައް؛ މުސްތަގުބަލުގައި ދައުލަތަށް ބުރައަކަށް ވެދާނެތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ޤައުމެއްގެ އިޤްތިޞާދީ ހާލަތަކީ އެއްވެސް އިރެއްގައި އެއްގޮތަކަށް އޮންނާނެ ހާލަތެއް ނޫނެވެ. އިޤްތިޞާދު ދަށަށް ދާ ފަހަރުތަކާއި، އެ ހާލަތު ވަރަށް ރަނގަޅުވާ ފަހަރުތައްވެސް އާދެއެވެ. އެހެންކަމުން، ކޮންމެ ޤައުމެއްގެ ހަރަދުތައްވެސް އޮންނަން ވާނީ އިޤްތިޞާދަށް އިތުރަށް ބުރައަކަށް ނުވާނެ ގޮތެއްގެ މަތިންނެވެ.

ރާއްޖޭގެ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތަކުގެ ތެރޭގައި، ޤައުމަށް ޚިދުމަތް ކުރައްވާފައިވާ ވެރިންނާއި މަޖިލީސް މެމްބަރުންނަށް ދޭ ޚާއްސަ އިނާޔަތްތަކަކީ އަބަދުވެސް ބަހުސް އުފެދޭ މައުޟޫއެކެވެ. މިފަދަ އިނާޔަތްތައް ދިނުމަކީ ޚިދުމަތުގެ އަގު ވަޒަންކުރުން ކަމަށް ވިޔަސް، މުސްތަގުބަލުގައި މި ހަރަދުތައް ދައުލަތުގެ މާލިއްޔަތަށް އުފުލިދާނެ ބުރައަކަށް ވެދާނެތޯ މިއީ ވިސްނަންޖެހޭ މުހިންމު ސުވާލެކެވެ.

މިއަދު ރާއްޖެއަށް ބަލާއިރު، މި ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތީ މާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެފައިވާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތައް ފަދަ ބޮޑެތި މަޝްރޫޢުތަކަށް ވެސް ހޭދަކުރަނީ ބޭރުން ލޯނު ނަގައިގެންނެވެ.

މިހެންކަން ދިމާވާއިރު، ދައުލަތުން ކުރާ ކޮންމެ ހަރަދަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހަރަދަކަށްވާތީ، މާލީ ޒިންމާދާރުކަން އިސްކުރުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން، ބޭކާރު ހަރަދުތައް ކުޑަކުރުމަށް އަދުގެ ސަރުކާރުން ވެސް ސިޔާސަތުތައް ގެންގުޅެއެވެ. ނަމަވެސް، ވެރިންނާއި މެމްބަރުންނަށް ދޭ އިނާޔަތްތަކުގެ ވާހަކަ ދެކެވޭއިރު، މިއީ ދައުލަތަށް އުފުލޭނެ ހަރަދެއްތޯ ސުވާލު އުފެދެއެވެ.

ކުރީގެ ވެރިންނަށް ދޭ އިނާޔަތްތަކުގެ ބޮޑުކަން

ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައަޅާފައިވާ ޚާއްސަ އިނާޔަތްތައް ލިބިވަޑައިގަންނަވާ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސުންނާއި ނައިބު ރައީސުންނާއި މަޖިލީހުގެ މެމްބަރުން ހިމެނެއެވެ. އަހަރެއްގެ މައްޗަށް ބަލާއިރު، މި ބޭފުޅުންނަށް ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރެއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ އެލަވަންސްތައް ނުދޭން ފާސްކޮށްފައެވެ. ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތެއްގެ ގޮތުގައި 19 މިލިއަން ރުފިޔާ ކަނޑައަޅާފައިއެބަހުއްޓެވެ. މި އަދަދަކީ، ދައުލަތުގެ މާލީ ހާލަތު ހުރި ގޮތަށް ބަލާއިރު، ބޮޑު އަދަދެކެވެ. މިފަދަ ހަރަދުތައް ކުރުމުގެ ކުރިން، ދައުލަތަށް ވަންނަ އެއްޗަކާއި، ރައްޔިތުންނަށް ދޭންޖެހޭ ސަބްސިޑީއާއި، އެހެނިހެން އަސާސީ ޚިދުމަތްތަކަށް ކުރަންޖެހޭ ހަރަދުތަކަށް ވިސްނާލުން މުހިންމެވެ.

މެމްބަރުންގެ އަދަދު އިތުރުވުމާއި ދާއިމީ ބުރަ

އިނާޔަތްތައް ދިނުމުގައި ދައުލަތަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ، އިނާޔަތް ލިބޭ ފަރާތްތަކުގެ އަދަދު އިތުރުވަމުން ދިއުމެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، މަޖިލީހުގެ މެމްބަރުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މިދިޔަ ދައުރުގައި މަޖިލީހުގައި 80 އެތައް މެމްބަރުން ތިއްބައި، މިއަދު އެ އަދަދު 93 އަށް މަތިވެއްޖެއެވެ. މާދަމާ މިއަދަދު މިއަށްވުރެ ވެސް އިތުރުވެދާނެއެވެ. އަންނަން އޮތް 15 ނުވަތަ 20 އަހަރަށް ބަލާއިރު، މި ހުރިހާ މެމްބަރުންނަށް ދާއިމީ އިނާޔަތްތައް ދައުލަތުން ދޭން ޖެހިއްޖެނަމަ، މިއީ ދައުލަތުގެ މާލިއްޔަތަށް އުފުލަން ކެރިކުޅަދާނެ ބުރައެއްތޯއެވެ؟ ޚާއްޞަކޮށް، ރާއްޖޭގެ ދަރަނީގެ އިންސައްތަ މިހާ މަތީގައި އުޅޭއިރު، މިފަދަ ދާއިމީ ހަރަދުތައް އިތުރުކުރުމަކީ މުސްތަގުބަލަށްޓަކައި ވިސްނުން ބަދަލުކުރަންޖެހޭ ކަމެކެވެ.

އެކަށީގެންވާ ސިޔާސަތެއް ކަނޑައެޅުން

ޤައުމަށް ޚިދުމަތް ކުރުމުގެ އަގު ވަޒަންކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ފައިސާގެ އިނާޔަތްތައް ކަނޑައެޅުމުގައި، ހަމައެކަނި އަދުގެ ހާލަތަށް ނޫންކަމަށް ބަލައި، މާޒީގައި ކަން ހިނގާފައިވާ ގޮތުން އިބުރަތް ލިބި، މުސްތަގުބަލަށް ތައްޔާރުވާން ޖެހެއެވެ.

ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި، ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ވެރިންނާއި މެމްބަރުންނަށް ދޭ އިނާޔަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަކީ މިއަދު އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ. މިކަމަށް އެންމެ އެކަށީގެންވާ ގޮތަކީ، ދައުލަތުގެ މާލީ ހާލަތަށް ބަލައި، ޚަރަދުތައް ހިފެހެއްޓޭނެ ސިޔާސަތުތައް ކަނޑައެޅުމެވެ.

އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ވެރިންނާއި މަޖިލީސް މެމްބަރުންނަށް ދޭ އިނާޔަތްތަކުގެ މައްސަލައަކީ ޤައުމީ ފެންވަރުގައި ވިސްނަންޖެހޭ މައްސަލައެކެވެ. އިނާޔަތް ލިބޭ ފަރާތްތަކުގެ އަދަދު އިތުރުވަމުން ދިއުމާއި، ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން، ކުރިއަށް އޮތްތަނުގައި މި ހަރަދުތައް ދައުލަތަށް ބޮޑު ބުރައަކަށް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ދިގު މުއްދަތަށް ދެމެހެއްޓެނިވި އަދި ޤައުމުގެ އިޤްތިޞާދަށް ބުރަ ނުވާނެ ފަދަ އުސޫލުތަކެއް ކަނޑައެޅުމަކީ، ރައްޔިތުންގެ ހައްގުގައި އަދުގެ ސަރުކާރުން އަވަހަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: