ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ބައްދަލުވުމުގައި ހުށަހެޅި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން މިހާރަށް ވުރެ ގިނަ ފުރުސަތުތައް ޕެންޝަން ފައިސާއިން ކުރެވޭނެ ގޮތަށް ފަހިވެގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ހާއްސަ ހާލަތްތައް ބަޔާންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަން ޖެހޭކަމަށާއި، މިއީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެއްބައި ކަމަށެވެ. އަދި، މިކަމަށްޓަކައި ބައެއް މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށާއި، މި ފުރުސަތުތައް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ނިސްބަތަށް ބަލައި، އޭގެން ބައެއް ފަރުޟު ހައްޖު އަދާކުރުމާއި، ގޯތި ގެދޮރު ގަތުމަށް އިކުއިޓީ ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެވޭނެ އިންތިޒާމް މިހާރުވެސް ވަނީ ހަމަޖެހިފައެވެ.
ޕެންޝަނާބެހޭ ގާނޫނަށް ގެންނަވަން ވިސްނަވާފައިވާ އިސްލާހުތަކުގެ ތަފްސީލެއް ރައީސް މުއިއްޒު ރޭ ހާމަކުރައްވާފައެއް ނުވެއެވެ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.
2008 ވަނަ އަހަރު އެކުލަވާލެވުނު ފެހި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ތައާރަފުވި އެވެ. މި ނިޒާމުގައި ހިމެނޭ މައިގަނޑު ދެ ސްކީމަކީ، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.
މީގެ ތެރެއިން ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ދޫކުރަނީ އުމުރުން 65 އަހަރު ފުރުމުންކަމަށް ވާތީ، ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރެއެވެ.
ޕެންޝަން ފައިސާ ދިނުމުގެ އުމުރު ހަމަނުވިޔަސް އެ މީހަކީ ދާއިމީ ބައްޔަކަށް ފަރުވާ ކުރަންޖެހޭ މީހެއް ނަމަ، ޕެންޝަން ފައިސާ ދޫކުރެވޭ ގޮތަށް ގާނޫނަށް އެމްޑީޕީން ދާދިފަހުން އިސްލާހު ހުށަހެޅި އެވެ. މިހާރު ގާނޫނުގައިވާ ގޮތުން ރިޓަޔާމަންޓް ސޭވިން އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ ހަރަދު ކުރުމަށް ދޫކުރެވޭނީ ޕެންޝަން ލިބޭ އުމުރު ހަމަވުމުންނެވެ. އެމްޑީޕީން ހުށަހެޅުއްވި އިސްލާހުގައި ވަނީ އުމުރު ހަމަނުވިޔަސް ދާއިމީ ބައްޔެއް ތަހައްމަލު ކުރަންހެހިފައިވާނަމަ، އެ މީހުންގެ ބޭސްފަރުވާއަށް ފައިސާ ދޫކުރެވޭ ގޮތަށެވެ.

