ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާއަކަށް މެމްބަރު ޣަފޫރު!

ހަނިމަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން ކަމުގެ މަގާމަށް، ހަނިމަދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ، އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުން އައީ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ވަގުތީ ޗެއާޕާސަނަކު ހޮވުން ލަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ގައުމީ މަޖިލީހުގައި ބައިވެރިވި 67 މެމްބަރުންގެ ތެރެއިން 66 މެމްބަރުން ވޯޓުގައި ބައިވެރިވިއިރު، މެމްބަރު ޣަފޫރުގެ ނަން ފާސްވެފައިވަނީ 65 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވީ އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރެއްވުމަށްޓަކައެވެ. އެއަށްފަހު ވަގުތީ ޗެއާޕާސަނަކު ހޮވުން ލަސްވެފައިވާތީ، ޕާޓީގެ އެތެރޭގައި ހޫނު ބަހުސްތަކެއް ކުރެވުނެވެ.

ޚާއްސަކޮށް މިދިޔަ ހަފްތާގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ވަނީ ހޫނުވެ، ކުރިޔަށް ނުގެންދެވި ނިންމާލާފައެވެ. އެ ބައްދަލުވުމުގައި ވަގުތީ ޗެއާޕާސަންކަމަށް ނަން ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ވަހީދަށް 47 ވޯޓު ލިބުނު ނަމަވެސް، ބޭނުންވާ ވަރަށްވުރެ އެއް ވޯޓު މަދުވާކަމަށް ބުނެ މައްސަލަ ގޯސްވިއެވެ.

ނަމަވެސް، އެވަގުތު ރިޔާސަތުގައި ހުންނެވި، ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ވަގުތީ ޗެއާޕާސަނަކަށް ވަހީދު ހޮވުނުކަމަށް އިޢުލާނުކުރައްވާފައެވެ.

އެރޭގެ ބައްދަލުވުން ހޫނުވީ، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ވަގުތީ ޗެއާޕާސަންކަމަށް ހުށަހެޅުމުން، އެއީ ގައުމީ މަޖިލީސް މެމްބަރަކަށް ނުވާތީ ވޯޓަށް ނޭހޭނެކަމަށް ބުނެ އުފެދުނު ހިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ. ވަހީދުގެ ނަން ހުށަހެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކަމަށްވާއިރު، އަސްލަމްގެ ނަން ހުށަހެޅުމަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ.

މި މައްސަލަތަކާ ގުޅިގެން ވަހީދު ވަނީ އެމަނިކުފާނުގެ ނަން އަނބުރާ ގެންގޮސް، ރައީސް ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފަރާތުން ހުރަސްތައް ކުރިމަތިވަމުންދާކަމަށް ވިދާޅުވެފައެވެ.

މި ހުރިހާ ހިޔާލުތަފާތުވުންތަކަށްފަހު، މެމްބަރު އަބްދުލްޣަފޫރު މޫސާ ވަގުތީ ޗެއާޕާސަންކަމަށް ހޮވުމަކީ، އެމްޑީޕީގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. ޣަފޫރުގެ މަގާމަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބާއްވައި ދާއިމީ ޗެއާޕާސަނަކު ހޮވުމާ ހަމައަށް ދެމިއޮންނާނެ މަގާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: