މަގުމަތީ ހުންނަތާ ގިނަ ދުވަސްވެފައި ހުރި ވެހިކަލްތަކާއި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މަގުތަކުން ނަގަން ހިންގި ޕްރޮގްރާމްގައި 787 ވެހިކަލެއް ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އޭގެ ތެރޭގައި ގިނައީ އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ވެހިކަލްކަމަށެވެ.
މި މަސައްކަތް ފުލުހުން ފެށީ މި މަހު ހަވަނަ ދުވަހުއެވެ. އެ ވެހިކަލްތައް ނެގުމުގެ ޕްރޮގްރާމް ފެށުމުގެ ކުރިން ފުލުހުން ވަނީ ހުޅުމާލެ 1 އަދި 2 ގެ މަގުތަކުގައި ހުރި އެފަދަ ވެހިކަލްތައް ނަގަން އަންގައިފައެވެ. ވެހިކަލްތައް ނެގުމުގެ މަސައްކަތް ނިންމާލުމަށް ފަހު ފުލުހުން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޓޯކުރި 787 ވެހިކަލްގެ ތެރޭގައި ގިނައީ މާލޭ ޒޯން ނޫން އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ: ރަޖިސްޓްރީކޮށްފައިވާ ޒޯނާ ނުގުޅޭ ބޯޑު ހުރި 252 އުޅަނދާއި، ރަޖިސްޓްރީނުކޮށް ނުވަތަ ބޯޑު ނެތި މަގުމަތީގައި ހުރި 186 އުޅަނދާއި، މަގުމަތީގައި އަޅާނުލާ ދޫކޮށްލާފައި ހުރި 349 އުޅަނދު ހިމެނެއެވެ.
ޓޯކުރި ހުރިހާ އުޅަނދެއް ވެސް ގެންދިޔައީ ތިލަފުއްޓަށްކަމަށް ފުލުހުން ބުންޏެވެ. ވެހިކަލްތައް ދޫކުރަނީ އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ހުރިހާ ޓްރެފިކް ޖޫރިމަނާއެއް ދެއްކުމުން ކަމަށާއި ވެހިކަލްތައް ދޫކުރުމުގެ މަސައްކަތް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކުރާނެ ކަމަށް ބުނެފައިވެ އެވެ. ޖޫރިމަނާތައް ދެއްކުމުން އެ ސްޓޭޝަނުން ދޫކުރާ ސްލިޕާ އެކު ތިލަފުއްޓަށް ގޮސް އުޅަނދު ގެންދެވޭނެ އެވެ.
ފުލުހުން ބުނީ ޓޯ ކުރާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެން ގޮސް ހުންނަ އުޅަނދުތަކާ މެދު އަމަލުކުރާ އުސޫލުގެ ދަށުން، އެ ވެހިކަލްތަކުގެ މައުލޫމާތު އިއުުލާންކޮށް އުޅަނދުތަކާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ނުގެންދާ ނަމަ ނައްތާލާނެ އެވެ.
މާލެ ސަރަހައްދުގައި ނުގަވައިދުން ޕާކުކުރާ މައްސަލަ ބޮޑެވެ. އެހެންވެ ފުލުހުން ގެންދަނީ ޓޯކުރުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން ކުރަމުންނެވެ. އެކަމަކު މިއީ މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ވެހިކަލް ޓޯކުރި ފަހަރެވެ.
ފުލުހުން ވަނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވައި މަސައްކަތުގައި ބައިވެރިވެލެއްވި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ޝުކުރު ދަންނަވާފައެވެ.
މި މަސައްކަތުގެ ސަބަބުން ހުޅުމާލެ މަގުތަކަށް އައިސްފައިވާ ހިތްފަސޭކަމާއި ފަސޭހަކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި އަދި މި މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

