މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނޮވެންބަރު 2025 ގައި ބަލައިގަނެފައިވާ ޖުމްލަ އާމްދަނީގެ އަދަދު 2.20 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މީރާއިން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުން، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %16.6 އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %6.7 އިތުރު އަދަދެއްކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނޮވެންބަރު 2024 އާ އަޅައިބަލާއިރު ނޮވެންބަރު 2025 ގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ އިތުރުން އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.
މީރާއިން މައުލޫމާތުދޭ ގޮތުގައި، އޮކްޓޫބަރު 2024 އާ އަޅައިބަލާއިރު އޮކްޓޫބަރު 2025 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %10.3 އަށް އިތުރުވުމަކީ ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ކުރިއެރުން ލިބުނު ސަބަބެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުކުރުމާއި، ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމާ ގުޅިގެންވެސް އާމްދަނީ ވަނީ އިތުރުވެފައެވެ.
ނޮވެންބަރު 2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %6.7 އިތުރުވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ގްރީން ޓެކުހާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެއެވެ. އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އާއި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމަކީވެސް މި ކުރިއެރުމަށް މަގުފަހިވި ކަމެކެވެ. މީރާއިން ފާހަގަކުރާ ގޮތުގައި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީއިން ލިބުނު އާމްދަނީއަކީ ނޮވެންބަރު މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިނުވާ އާމްދަނީތަކެކެވެ.
މީގެ އިތުރުން، ނޮވެންބަރު 2025 ގައި ލިބިފައިވާ އާމްދަނީގެ %19.7 އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %21.0 ލިބިފައިވަނީ ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށް މީރާއިން ބުނެއެވެ. މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
ނޮވެންބަރު 2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %59.1 ނުވަތަ 1.30 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ %8.7 ނުވަތަ 191.06 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ (%8.0)، ޑިޕާރޗަރ ޓެކްސްގެ ގޮތުގައި 164.99 މިލިއަން ރުފިޔާ (%7.5)، އާމްދަނީ އިން ނަގާ ޓެކްސްގެ ގޮތުގައި 131.67 މިލިއަން ރުފިޔާ (%6.0) އަދި ވާރކް ޕާމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ (%2.9) ބަލައިގަނެފައިވެއެވެ.

