ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރާނަމަ ރިޕޯޓުކުރުމަށް އެދިއްޖެ

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟
ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީއިން ނެރުން ބަޔާނުގައި ބުނީ ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސުންކަމަށެވެ. އެ މިނިސްޓްރީން ހުއްދަ ދޭއިރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދާކަމަށާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށްފަހު މިނިސްޓްރީން ވަނީ މިހާރު ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

މިރަޖިސްޓަރީ އެކުލަވައިލުމުގައި ޑަބްލިއުއެޗްއޯ ޓޮކްސިޓީ ކިލާހުގައި ހިމެނޭ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވާނެކަމަށެވެ. މީގެއިތުރުން، ޑަބްލިއުއެޗްއޯ ޓޮކްސިޓީ ކިލާސް 2 ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް 3 ގައި ހިމެނޭ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވާކަމަށްވެއެވެ. އަދި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވާކަމަށް ބުނެފައިވެއވެެ. މީގެބަދަލުގައި ތިމާވެއްޓާ ރަށްޓެހި ގިނަ ޢަދަދެއްގެ ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި (ނެޗްރަލް އެނެމީސް) ހިމެނިފައިވާނެކަމަށް މިނިސްޓްރީއިން ފާހަގަކުރިއެވެ.

މިނިސްޓްރީއިން ވަނީ ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑުގެ ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ގަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވެއެވެ. އަދި ވިއްކާ ކޮންމެ ޕެސްޓިސައިޑަކާ ބެހޭގޮތުން މިނިސްޓްރީން ޢާއްމުކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުން މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމާއި، ޕެސްޓިސައިޑު ގަންނަ ފަރާތްތަކަށް ގަންނަ ކޮންމެ ޕެސްޓިސައިޑަކާއެކު މަޢުލޫމާތު ކަރުދާސް ފޯރުކޮށްދިނުމަށްވެސް އެގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.

މިނިސްޓްރީން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމްތަކުގައާއި، ދަނޑުވެރިކަންކުރުމުގައި ގެންގުޅޭ ރަނގަޅު އާދަތަކަށް ދަނޑުވެރިން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގުރާމްތަކުގައިވެސް ރަނގަޅުގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމާބެހޭ މަޢުލޫމާތު ދެމުންގެންދާކަމަށް މައުލޫމާތުދީފައިވެއެވެ. އަދި މިފަދަ ތަމްރީނު ޕްރޮގުރާމްތަކުގައި އިންޓްގްރޭޓެޑް ޕެސްޓް މެނޭޖްމަންޓްގެ (ގެއްލުންދެނިވި ފަނިފަކުސަ ކޮންޓްރޯލުކުރުމުގައި ގެންގުޅޭ އެކުވި ގޮތްތައް) ތިމާވެއްޓާ ރަށްޓެހި ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި، އިންސެކްޓް ޓްރެޕް ފަދަ މިނޫންވެސް ގޮތްތަކުގެ ބޭނުންހިފުމަށް ބާރުއަޅާ އެފަދަ މަޢުލޫމާތުތައްވެސް ފޯރުކޮށްދޭކަމަށް ބުނެފައިވެއެވެ.

ޕެސްޓިސައިޑު ބަންދުކޮށްފައި ހުންނަ ކަންވާރުގައި ހަރުކޮށްފައި ހުންނަ ލޭބަލަކީ، ޤާނޫނީ ލިޔުމަކަށްވާއިރު ޕެސްޓިސައިޑާބެހޭ މުހިއްމު މަޢުލޫމާތުތައް އޭގައި ހިމެނިފައިވެއެވެ. މީގެތެރޭގައި ޕެސްޓިސައިޑު ބޭނުންކުރާ ގޮތާއި، ޕެސްޓިސައިޑު ބޭނުންކުރާ މީހާއާއި، ވެއްޓާއި، ވެށީގައި އުޅޭ ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ސޫފާސޫފި ފިޔަވައި އެހެނިހެން ދިރުންތައް ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި، ޕެސްޓިސައިޑަށް ހާސާވުމުން ލިބޭ ޞިއްޙީ ގެއްލުންތަކާއި، ޕެސްޓިސައިޑު ނައްތާލާނެ ގޮތާއި، ފުރަތަމަ ޞިއްޙީ އެހީއާއި، އެތެރެހަށްޓަށް ޕެސްޓިސައިޑު އެތެރެވެއްޖެނަމަ ދޭނެ ވިހާގެ ބޭހާބެހޭ މަޢުލޫމާތުވެސް ލޭބަލުގައި ހިމެނިފައިވެއެވެ. ޕެސްޓިސައިޑު ބޭނުންކުރާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގައި ލޭބަލުގައާއި، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރާނަމަ ޕެސްޓިސައިޑުން ޞިއްޙަތަށް އޮތް ހިރާސް ވަރަށް ކުޑަވާނެކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި އުފައްދާ މޭވާއާއި ތަރުކާރީގެ އިތުރުން ބޭރުން އެތެރެކުރެވޭ ދަނޑުވެރިކަމުގެ އުފެއްދުންތަކުން ޞިއްޙަތަށް ކޮށްފާނެ ހިރާސް ދެނެގަތުމަށްޓަކައި އެތަކެތި ޓެސްޓުކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ހައްލުކަމަށާއި، މިކަމުގެ ޤާބިލުކަން ހޯދުމަށްޓަކައި މިނިސްޓްރީންނާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ކުރާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ އުފެއްދުންތައް ތަޙުލީލުކުރުމުގެ ވަސީލަތްތައް ޤާއިމުކުރުން ހިމެނޭކަމަށް ބުންޏެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއްކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ކުށްތަކަށް ޤާނޫނުގައި ވަނީ އަދަބު ކަނޑައެޅިފާކަމަށާއި އަދި މިޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުންވެސް މިޤާނޫނުގެ ދަށުން ލާޒިމުކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: