ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކުރުމަށްފަހު، އެ ބިދޭސީންގެ ނިވަލުގައި ތިބެގެން އެ އަމަލުތައް ހިންގާ ފަރާތްތަކުން އަނެއްކާވެސް އެ މަސައްކަތް ތަކުރާރުކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ހޯމް ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސީޕީ ނަވީން މިކަން ފާހަގަކުރެއްވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކަށް އަލިއަޅުވާލައްވަމުންނެވެ.
ނަވީން ވިދާޅުވީ، ރީޓެއިލް ފިހާރަތަކަށް ސިގިރޭޓު ޑެލިވަރ ކުރުންފަދަ މަސައްކަތްތަކުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހަރަކާތްތެރިވާ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް މަސައްކަތްކުރާ ބިދޭސީންވެސް، އެމީހުންގެ ހުސްވަގުތުތަކުގައި އެހެން ކުންފުނިތަކަށް މަސައްކަތްކުރާކަން ފާހަގަކުރެއްވިއެވެ. މިފަދަ ހާލަތްތަކުގައި، އެ ބިދޭސީންގެ ސްޕޮންސަރުން ޒިންމާ ނަގަންޖެހޭނެ ކަމަށް ސީޕީ ނަވީން ބަޔާންކުރެއްވިއެވެ.
މި މައްސަލައަށް މިސާލުދައްކަވަމުން ނަވީން ވިދާޅުވީ، ރޭގަނޑުގެ ވަގުތުތަކުގައި ނުވަތަ މަސައްކަތުގެ ވަގުތުގެ ބޭރުން ބިދޭސީން ސިގިރޭޓު ފަދަ ތަކެތި މާލޭގެ އެކި ސަރަހައްދުތަކަށާއި، އަތޮޅުތަކަށް ދަތުރުކުރާ ދޯނިތަކަށްވެސް ޑެލިވަރީ ކުރަމުންދާ ކަމަށެވެ.
މިފަދަ ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި، ފުލުހުންނާއި އިމިގުރޭޝަނުންނާއި ކަސްޓަމްސްއާ ގުޅިގެން މިދިޔަ އަހަރާއި މި އަހަރުވެސް ވަރަށް ބޮޑެތި ޖޮއިންޓު އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށް ނަވީން ވިދާޅުވިއެވެ. އޭގެތެރޭގައި ކޮންޓްރޯލްޑު ޑެލިވަރީ ނުވަތަ މަސްތުވާތަކެތި ރާއްޖެއަށް ގެންނަ ފަރާތްތަކާ ގުޅުންހުރި އޮޕަރޭޝަންތައްވެސް ހިމެނެއެވެ. މި އޮޕަރޭޝަންތަކުގައި އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށްވެސް ނަވީން ވިދާޅުވިއެވެ.
ސީޕީ ނަވީން ވިދާޅުވީ، ގަވާއިދާ ހިލާފަށް ސިގިރޭޓު ޑެލިވަރީ ކުރާ ބިދޭސީންގެ ފަހަތުގައި ތިބޭ ފަރާތްތަކަށް އެނގޭ ކަމަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބޭނުންކުރުމުން އެމީހުންގެ ނިވަލުގައި ފިލައިގެން ތިބެވޭނެކަން. ”ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށް، ތަހުގީގުކުރުމަށްފަހު، އިމިގުރޭޝަނަށް ހަވާލުކުރެވޭ ހިސާބުން، އެ ބިދޭސީ މީހާ ޑީޕޯޓުކުރެވިގެންދާ ކަމަށާއި، އެ ހިސާބުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ނިވަލުގައި ތިބެ، އެ ބިދޭސީންގެ ބޭނުން ހިފާ ފަރާތްތަކުން އަނެއްކާވެސް، އެހެން ބިދޭސީއެއް ލައްވާ އެ މަސައްކަތްކޮށް، އެ އަމަލު ތަކުރާރުކުރާ ކަމަށް“ ނަވީން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައިވެސް އޮޕަރޭޝަނެއް ހިންގިފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ސިގިރޭޓާއިއެކު މީހަކު ހައްޔަރުކުރެވިފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ. އަދި އެ މީހާ ދިރިއުޅޭ ތަނުންވެސް ސިގިރޭޓު ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅޭ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.

