ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ހަފްތާއެއްގެ ތެރޭގައި ބަންދު ކުރި މަސާޖު ޕާލާތަކުގެ އަދަދު 83 އަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ ބިދޭސީން ދެނެގަތުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރޭގައި މިހާތަނަށް ބަންދުކުރި މަސާޖު ޕާލާތަކުގެ އަދަދު 83 އަށް އަރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ހުރި އެތައް ކަންބޮޑުވުންތަކެއް ސަރުކާރާއި ހަމައަށް އައިސްފައިވާކަމަށާއި މަސައްކަތް ކުރަމުން ދަނީ އެކަންކަމަށް އަވަސް ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ބައްދަލުވުންތަކުގައި އައި އެންމެ ބޮޑު ޝަކުވާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަތަކާއި، ގާނޫނާއި ގަވައިދާ ހިލާފު އެކި ކަންކަމުގައި ބިދޭސީން ޝާމިލުވަމުން ދިއުންކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިފަދަ ވިޔަފާރިތައް ހުއްޓުވައި އެފަދަ ތަންތަން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ. އަދި މި ސަރުކާރުން ހާއްސަ ޓާސްކްފޯސްއެއް އެކުލަވާލައި ކުރެވުނު މަސަައްކަތުގައި މިހާތަނަށް 83 މަސާޖު ޕާލާ ބަންދުކޮށްފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅިވި ގޮތުގައި ރާއްޖޭގެ ތާރީހުގައި މީގެކުރިން ދުވަހަކު ވެސް އެއްފަރާ މިވަރަށް ނުވަތަ މިއަދަދުގެ ދެބައިކުޅަ އެއްބައި މިފަދަ ވިޔަފާރިތައް ބަންދު ުރެވިފައި ނެތް ކަމަށެވެ. އެއާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި 83 ތަން ބަންދު ކުރެވިފައިވާއިރު މިއީ، ޑިސެމްބަރު މަހުގެ 9 ގައި ފެށި މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވި އެވެ

މީގެކުރިން މަސާޖު ޕާލާތަކާ ދެކޮޅަށް އަޅާ ހަމައެކަނި ”ފިޔަވަޅަކީ“ ރައީސް ވިދާޅުވި ގޮތުގައި އިންޒާރު ދިނުމާއި، ވަގުތީ ގޮތުން އެތަނެއްގައި ބަންދު ބޯޑު ޖެހުން ފަދަ ކަންތެކެވެ. ނަަމަވެސް ދާއިމީ ގޮތެއްގައި މަސާޖުޕާލާތައް ބަންދުކޮށް އެ ވިޔަފާރީގައި އިސްކޮަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅިފައި ނުވާކަމަށް ރައީސް ވިދާޅުވި އެވެ.

21 ޑިސެމްބަރާ މީ ދުވަސްކޮޅު ތެރޭގަ 83 މަސާޖް ޕާލަރ ބަންދުކުރެވިއްޖެ… 83 ތަން ބަންދުކުރެވިއްޖެ. އަޅުގަނޑު ކުޑަކޮށް ދިރާސާ ހަދާލި އިރުގަ ރާއްޖޭގެ ތާރީހުގަވެސް ދުވަހަކު ވެސް ނެތް، މިއާ ގާތްކުރަން ކީއްކުރަންތޯ މިގެ ބައިކުޅަ ބައެއްވެސް ބަންދުކޮށްފަ.. އަބަދުވެސް އެތަނަކަށް ގޮސް އިންޒާރެއް ދީފާނެ ނޫނީޔާ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅާފާނެ.. ބަންދު ބޯޑު ޖަހާފާނެ.. ބަންދުކޮށްފައެއް ނެތް.. އަދި ބައެއް މީހުން އެބަ ހައްޔަރުވެސް ކުރަން.. ބިދޭސިންކަމުގަ ވާންޏާމު ހައްޔަރުކޮށްގެން އެބަ ނުވަތަ ޑީޕޯޓު މަރުހާލާގައި ވެސް އެބަ ތިބި ބައެއް މީހުން މިހާރުވެސް..

މިދިޔަ މުއްދަތުގައި މި ވިޔަފާރިތަކުން އަތުލައިގަތް ބިދޭސީންތައް ޑީޕޯޓު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ މިކަން ކުރަނީ ރައްޔިތުން އެދޭ ފަދަ ސާފު މުޖުތަމައުއެއް ބިނާކުރުމަށްކަމަށާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް އަމަލީ ސިފަ ގެނެސްދެއްވާނެ ކަމަށެވެ.

މަސާޖު ޕާލާތަކުގެ އިތުރުން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކަކީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހުޅުމާލޭގައި މިފަދަ ވިޔަފާރިތައް ގިނައިން ހިންގާކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ކުރީގެ ސަރުކާރުތަކުން ވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބުނެ އަމަލީ ގޮތުން ފިޔަވަޅެއް ނާޅައި އޮތް މައްސަލައެއް ކަމަށެވެ.

ރައީސް ވިދާޅުވީ މިދިޔަ ތިން ހަފްތާ ތެރޭގައި 56 ގަވާއިދާ ހިލާފު ބިދޭސީ ވިޔަފާރި ބަންދުކޮށްފައިވާކަމަށެވެ.

މި ދެ މައްސަލައަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކަމަށާއި، މުޖުތަމައުގައި ހުރި ހުރިހާ މައްސަލަތަކަށް ވެސް ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ހައްލު ހޯދުމަށް ފިޔަވަޅު އަޅަމުންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: