ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަންކުރާ ނުވަތަ އިންތިހާބުވާ ރިޓަޔާޑް ފަރާތްތަކަށް، އެ މަގާމެއްގައި ތިބޭ މުއްދަތުގައި ރިޓަޔާމެންޓް އެލަވަންސް ނުލިބޭނެ ގޮތަށް ހަމަޖައްސަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ އެކި މަގާމުތަކާއި، ކުންފުނިތަކަށް އިސްވެރިން އައްޔަނު ކުރާއިރު ރިޓަޔަރޑް ޖެނެރަލް ބޭފުޅުން ހިމެނެ އެވެ. އަދި މިއީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އިއުލާނު ކުރައްވާފައިވާ ސިޔާސަތުތަކާއި ފުށުއަރާ ނިންމުމެއްކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މިރޭ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އޮތް ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފަރާތުން ލިބޭ މިފަދަ ކަންބޮޑުވުންތައް ބަލައިގަންނަކަމަށެވެ. އަދި އޭގެއިން ކޮންމެ މައްސަލައެއް ވެސް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަން ހާމަކުރެއްވި އެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވުމާއި، އިގްތިސާދީ ގޮތުން ކުރަންޖެހޭ ގިނަ ކަންކަން ހުރުމާއެކު، މިއަންނަ އަހަރުގެ ބަޖެޓުގައިވެސް އެކަހަލަ ފިޔަވަޅުތައް ހިމެނޭނެ ކަމަށެވެ. ރައްޔިތުންގެ ތެރެއިން އަންނަ އެއް ކަންބޮޑުވުމަކީ، ސަރުކާރުގެ އެކި މުހިއްމު މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަންކުރުމުން، އެބޭފުޅުންނަށް ރިޓަޔާމެންޓް އެލަވަންސް ވެސް މަގާމުގެ މުސާރައާއި އެކު ލިބެމުން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ ޑަބަލްކޮށް ލިބޭ އިނާޔަތްތައްކަމަށް ވާތީ، ހަރަދު ބޮޑުވާކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގަ އެކި ކަހަލަ މުހިއްމު މަގާމުތަކަށް އަޅުގަނޑު ހުންނާނެ ރިޓަޔަރޑް ބޭފުޅުން އައްޔަން ކުރައްވާފަ. އެބޭފުޅުންނަކީ އަހުލާގީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި، ގާބިލް ބޭފުޅުން ކަމުގައިވާތީ ސަރުކާރަކީ ގާބިލް، ހިންގުންތެރި، ފަސްބައި ސާފު ނަޒާހަތްތެރި ސަރުކާރަކަށް ހެދުމަށް ތަންތަނަށް އައްޔަން ކުރަމުން އެ އަންނަނީ. އެގޮތުން އެފަދަ ބޭފުޅުން އައްޔަންކޮށްގެން އެބަ ހިނގާ.. އަދި އެހެންނިހެން ފުރުސަތުތައް ވެސް އެބަދޭ. އެހެންނަމަވެސް ރިޓަޔަރޑް ބޭފުޅުންނަށް އެ ލިބޭ އެލަވެންސް ލިބެމުން ދާތީ އަނެއްކާ މަގާމަކަށް އައިމަ ލިބޭ މުސާރަ ލިބުނީމަ ހަރަދު ބޮޑޭވަނީ. މިއީ ރަނގަޅު ވާހަކަފުޅެއް. އެހެންވީމަ މިކަމަށް ހައްލެއް ގެނައުމަށް މިހާރު އަޅުގަނޑު ކަމާބެހޭ ހުރިހާ އިދާރާއަކަށް އަންގާފަވާނެ.
މި ސަރުކާރުން އެކި މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަނު ކުރައްވަނީ، ރައީސް ވިދާޅުވި ގޮތުގައި އެބޭފުޅުންނަކީ އަހުލާގީ ގޮތުން ރަނގަޅު، އިންޓެގްރިޓީ ހުރި، ހިންގުންތެރި، ގާބިލް ބޭފުޅުން ކަމުގައިވާތީ ސަރުކާރަކީ ގާބިލް، ހިންގުންތެރި، ސާފު، ނަޒާހަތްތެރި ސަރުކާރަކަށް ހެދުމަށްޓަކައި ކަމަށެށެވެ.
ރައްޔިތުންގެ މި ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމެއްގެ ގޮތުގައި ގަބޫލު ކުރައްވާކަން ރައީސް ހާމަކުރެއްވި އެވެ. އަދި ވިދާޅުވީ މިކަމަށް ހައްލެއް ހޯދުމަށްޓަކައި، ކަމާބެހޭ އިދާރާތަކަށް އަންގަވާ ކަމަށެވެ. އެގޮތުން، ފުލުހުންނާއި ސިފައިންނާއި ސިވިލް ސަރވިސް ކޮމިޝަނުން މިހާރުވެސް އެބޭފުޅުންގެ ގަވާއިދުތައް ބަދަލުކުރަމުން ގެންދާކަން ފާހަގަކުރެއްވި އެވެ.
މި ގަވާއިދުތައް ގެޒެޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިޔަށްދާއިރު ރައީސް ވިދަޅުވީ، ސަރުކާރުގެ އައްޔަން ކުރާ އެއްވެސް މަގާމަކަށް ނުވަތަ އިންތިހާބީ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އައިސްފިނަމަ، އެ މަގާމުގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި ރިޓަޔާމެންޓަށް ލިބޭ އެލަވަންސެއް ނުލިބި މެދުކެނޑޭނެ ކަމަށެވެ.
މިއީ ރައްޔިތުން ކަންބޮޑުވާ ކަމަކަށް ވުމުން އަދި އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ ހަމައަކަށް ވާތީ، ދެގުނަ ފައިދާ ލިބޭ ގޮތަށް އުސޫލު ނުހިނގާނެކަމަށް ރައީސް ވިދާޅުވިއެވެ.

