ކުޑަ އަންހެންކުއްޖަކު ވިއްކަން އިއުލާންކުރި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައި، މިހާރު އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް ކުރިޔަށް ގެންގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ ޓިކްޓޮކްގައި ފެންމަތިވި މި މައްސަލައިގައި 13 އަހަރުގެ އަންހެން ކުއްޖަކު ވިއްކަން ޕޯސްޓުކޮށްފައި ވެއެވެ. އެ ކުއްޖާގެ މަންމަގެ ފަރާތުން މި ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅީ، ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންގެ ބައްދަލުވުމުގަ އެވެ. އޭނާ ބުނީ ދަރިފުޅާއި ގުޅުވައި ސޯޝަލް މީޑިގައި އެ ޕޯސްޓު ކުރި މީހާ އަދިވެސް ހުރީ މިނިވަންކޮށްކަމަށާއި، މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.
ރައީސްގެ ދެކަނބަލުންގެ ދަރިފުޅާއި ގުޅުވައި އެއްވުމެއްގައި ދެެއްކި ވާހަކައެއް ކޯޓަށް ގެންގޮސް އެ މައްސަލަ ވަރަށް އަވަހަށް ނިމި ކޯޓުން ގޮތް ނިންމިކަމަށް އެ އަންހެން މީހާ ބުންޏެވެ. އަދި ބުނީ ކަން އޮންނަން ޖެހޭ ގޮތަކީ އެއީކަމަށާއި، އެއްވެސް މަޔަކަށް އޭނާގެ ދަރިފުޅާއި ގުޅުވައި އެފަދަ ވާހަކައެއް އަޑުއަހަން ކެތެއް ނުވާނެކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް، ވަކި ގޮތެއް އޮންނަންވީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ.
މި ޝަކުވާއާއި ގުޅޭގޮތުން ރައީސް ރޭގެ ޖަލްސާގައި ވިދަޅުވީ، ކުޑަ ކުއްޖަކު ވިއްކަން އިއުލާނު ކުރުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމާއި ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރިކަމުގެ މައުލޫމާތު މީޑިއާއިން ފެނުމާއެކު އެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ގޮތް ހޯއްދެވިކަމަށް ވިދާޅުވި އެވެ. އެވަގުތު އެ އަމަލު ހިންގި މީހާ ދޫކޮށްފައި ހުރިނަމަވެސް، ފަހުން އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހުގީގު ކުރިޔަށް ގެންދެވުމަށްފަހު، މިހާރު ދައުވާކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުންވެސް ބާއްވާފައިވާކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު ހަމަ މީގެގެތެރެއިން ފާހަގަކޮށްލާނަން. މިތަނުގަ ބޭފުޅަކު ފާހަގަކުރެއްވި އަޅުގަނޑާވެސް ސީދާ ގުޅޭގޮތަށް ފާހަގަކުރި ކަމެއް. އެމައްސަލައިގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ބޭފުޅާ ފާހަގަކުރެއްވި އެ ބޭފުޅާގެ ދަރިފުޅާ ބެހޭ މައްސަލައިގަ އެއީ ޖިނާއީ މައްސަލައެއްކަން.. އެ މައްސަލައިގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރިކަމުގެ މައުލޫމާތު މީޑިއާއިން ފެނުމާއެކު އެ މައްސަލައިގެ ތަހުގީގު އަޅުގަނޑު ހޯދިން… އެވަގުތު އެމީހާ ދޫކޮށްލެވިފައި ހުރިނަމަވެސް އޭނާ ހައްޔަރުކުރެވި އޭނާގެ މައްޗަށް ވަނީ ތަހުގީގު ކުރިޔަށް ގެންދެވި ޖިނާއީ ދައުވާ މިހާރުކޮށްފައި. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުންވެސް މިހާރު ވަނީ ބޭއްވިފަ.. ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަނިޔާ އަދި ފުރައްސާރައިގެ މައްސަލަތަކީ އަޅުގަނޑު ހަމަ ވަރަށް އިސްކަމެއް ދޭ ކަމެއް.. އެއްވެސް މީހަކު، އެއްވެސް ކުއްޖަކު އަޅުގަނޑެއް ތަފާތެއް ނުކުރަން. އެހެންވީމަ ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް އެކަމުގެ ތެރޭގައި ނެތް އެއްވެސް ކަހަލަ އިހުމާލެއް ވެފައެއް. އެހެންވީމަ މިހާރު އެ މައްސަލަ އެ ދަނީ ކޯޓުގަ ހިނގަމުން. ފުރަތަމަ އަޑުއެހުންވެސް އެވަނީ ބޭއްވިފަ.
ރައީސް އިތުރަށް ވިދާޅުވީ އެއްވެސް މީހަކު އަދި އެއްވެސް ކުއްޖަކު އެމަނިކުފާނު ތަފާތު ނުކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަނބިކަބަލުން ވެސް އެފަދަ ވިސްނުމެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި ސަރުކާރުގެ ފަރާތުން އެއްވެސް ކަހަލަ އިހުމާލެއް ވެފައި ނުވާނެކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވީ، އެ މައްސަލަ މިހާރު ކޯޓުގައި ހިނގަމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ، ޓިކްޓޮކް ލައިވެއްގައި އުމުރުން 13 އަހަރުގެ އަންހެންކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭގޮތުން ހަޑި ވާހަކަދައްކައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވާތީ އެވެ.

