ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމް.އެމް.އޭއިން ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އިފްތިތާޙުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި އަދި ޤައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ސްޓެރެޓެޖީތައް އިފްތިތާޙުކޮށްދެއްވީ އެކަމަށްޓަކައި ބާރސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތު ސަރުކާރުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިންނާއި، މާލީ އިދާރާތަކުގެ ވެރިންނާއި، އެމްއެމްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުންނާއި، އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ ބައިވެރިވެފައެވެ.

މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާހު ކުރެވިގެން މި ދެ ސްޓްރެޓެޖީތަކަކީ ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްޤީކޮށް އިތުރުށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މި ސްޓްރެޓެޖީތަކާއެކު، އެންމެން ބައިވެރިވާ، ހަރުދަނާ އަދި ގައުމީ ތަރައްޤީއަށާއި، އިޖްތިމާއި އަދި މޫސުމީ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް އުފެދިގެންދާނެއެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސްޓްރެޓެޖީއެކެވެ. މާލީ ބައިވެރިވުމަކީ ހަމައެކަނި މާލީ ޚިދުމަތް ފޯރުކޮށްދިނުމަށްވުރެ ފުޅާ ދާއިރާގެއްގައި ކުރަންޖެހޭ މަސައްކަތެއްކަން ދެނެގަނެ، މި ސްޓްރެޓެޖީގައި ސަމާލުކަން ދީފައިވާނީ މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދާ ދިނުމަށެވެ. އެގޮތުން، އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ކުދި، މެދު އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް މި ސްޓެރެޓެޖީގައި ވަނީ ދީފައެވެ.

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް

ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްއަކީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕްއިން ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ އުފެއްދުންތައް ތައާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، މި ދެ ސްޓްރެޓެޖީގެ މުހިންމުކަން ފާހަގަކުރައްވައި ވިދާޅުވީ:

”މާލީ ނިޒާމުގެ ހަމެޖެހުން ކަށަވަރުކުރުމާއި، ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ އެންމެ މުހިންމު އަމާޒުތައް. ހަމަ މިއާއެކު، އަޅުގަނޑުމެން މިއަދު މި ފެށީ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މާލީ ނިޒާމްގެ ދައުރު ފުޅާކުރުމުގެ މަސައްކަތް. މާލީ ޚިދުމަތްތައް ފުޅާކޮށް އަދި ފައިނޭންސް ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުވައިގެން، އަޅުގަނޑުމެން މިވަނީ މުޅި ރާއްޖެއަށް ކުރިއެރުމާއި، ހަރުދަނާކަމާއި، ފުރުސަތުތައް ފަހިކޮށްދޭ މައިގަނޑު ވަޞީލަތެއްގެ ގޮތުގައި މާލީ ދާއިރާ ބައްޓަންކޮށްފައެވެ.“

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ، މި ދެ ސްޓްރެޓެޖީގެ ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ހަމަ އެހެންމެ، ޑިވެލޮޕްމަންޓް ޕާޓްނަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށްވެސް ގަވަރުނަރުގެ ވާހަކައިގައި ވަނި އަލިއަޅުވާލާފައެވެ.

ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އާއި ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް އެކުލަވާލުމުގައި، ސަރުކާރުގެ ވުޒާރާތަކާއި، މާލީ އިދާރާތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކުން ވެދެއްވި އެހީތެރިކަމަށް އެމް.އެމް.އޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން، ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގައި ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓިއަރިންގ ކޮމިޓީގެ ލިޑާޝިޕާއި އިރުޝާދަށް އަދި ޓެކްނިކަލް ކޮމިޓީތައުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާގައެވެ.

މިއަދު އިފްތިތާހު ކުރެވުނު ސްޓެރެޓެޖީތަށް ފާހަގަކުރެވެނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި ހަރުދަނާ މާލީ ނިޒާމެއް ބިނާކުރުމުގެ ރާއްޖެއިން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވިފައިވާ ތަރައްޤީއަށް އެހީތެރިވެދޭ، ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއަޅާ، އިޤްތިޞާދީ ތަރައްޤީއަށް ބާރުލިބޭ މާލީ ނިޒާމެއް ބިނާކުރުމަކީ އެމްއެމްއޭގެ މުހިންމު އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: