ކޭސްވޯކަރުންނަށް ކުރިން ހަވާލުކޮށްފައިވާ އަދުގެ ކޭސްތައް މިހާރު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިފައިވާ ކަމަށް އިޖތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސޯޝަލް މިނިސްޓްރީގެ ލީޑް ސޯޝަލް ސާވިސް ވޯކަރ އަކްރަމް ހުސެއިން ވިދާޅުވީ ކޭސްވޯރަކުންނަށް ކުރިން 200 އެއްހާ ކޭސް ބެލުމަށް އޮންނަ ކަމަށެވެ. އެހެންނަމަވެސް އެ އަދަދު މިހާރު 50 އަށް ކުޑަ ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް އައިއިރު، ޕްރިވެންޝަންއަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ އެގޮތުން އިބަމަ ޕްރޮގްރާމް ފަށައިގެން ރާއްޖޭގެ ވަރަށް ގިނަ އަތޮޅުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުން ރައްޔިތުންނަށް ވީހާވެސް ބޮޑަށް ހިދުމަތްތައް ލިބިގެންދާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އިބަމައިގެ ތަމްރީން ޕްރޮގްރާމްތަކަށް ވެސް ބަދަލުތަކެއް ގެނެސް 2 ދުވަހަށް ހުރި ތަމްރީން ޕްރޮގްރާމް މިހާރު 5 ދުވަހުގެ މުއްދަތަކަށް ބަދަލު ކުރެވިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މި ޕްރޮގްރާމް ތަކުގައި ހާއްސަގޮތެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެވޭނެ ކަމަށާއި، އަދި ހިދުމަތްތައް ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަކްރަމް ވިދާޅުވީ އެގޮތުން މިއަދު ކ އަތޮޅުގައި އިބަމަ ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެ ޕްރޮގްރާމް 160އަށް ވުރެ ގިނ ަރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

