ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޔުނިވަރސިޓީ ކެމްޕަސްތައް ތަރައްގީކުރުމަށް ސަރުކާރުން ނިންމަވައި، އެ މަސައްކަތް މިހާރު ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި ”ޔޫތު ކޮފީ ވިތް ޕްރެޒިޑެންޓް“ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒުވާނުންގެ އަޑު އެހުމަށް ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ޒުވާނުންނަކީ ގައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިން ކަމަށެވެ. އަދި މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން ކަމަށާއި، ކޮންމެ ޒުވާނަކު ހުށަހަޅާ ހިޔާލަކީވެސް އެމަނިކުފާނަށް ވަރަށް މުހިންމު ހިޔާލަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މަތީ ތައުލީމާއި ދަނާލުތައް ގާއިމްކުރުން
މި ބައްދަލުވުމުގައި ބައެއް ޒުވާނުން ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މާލެއަކީ ދިރިއުޅެން އަގުބޮޑު ތަނަކަށް ވާތީ، އަތޮޅުތެރޭގައި ތައުލީމީ ފުރުސަތުތައް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މާލޭގައި އެކަނި ހުންނަ ދަނާލުގެ ހިދުމަތް އަތޮޅުތަކަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
”ބައެއް ތަންތަނުގައި އެމްއެންޔޫއާއި އައިޔޫއެމްއާއި ދެ ޔުނިވަރސީޓީގެ ކެމްޕަސް ހެދުން. އައިޔޫއެމްއަށް ދަނާލު ހެދުމަށް ވަރަށް ގިނަ ރަށްރަށުގައި މިވަނީ ސޮއި ކޮށްފައި، ވޭތުވެ މިދިޔަ ދެތިން މަސްތެރޭގައި. އެ މަސައްކަތްތައް ނިމިގެން ދާއިރުގައި މާލެއެކޭ އެއްގޮތަށް ކޮންމެ އަތޮޅެއްގައިވެސް ހުންނާނެ އެންމެ މަތީ ފެންވަރުގައި ރާއްޖޭގައި ކިޔެވޭނެ ފުރުސަތުތައް އެއީ އެކޮމޮޑޭޝަންއާއިއެކު،“ ރައީސް ވިދާޅުވިއެވެ.
ޒުވާނުންގެ ހުށަހެޅުންތަކަށް މަރުހަބާ
މި ބައްދަލުކުރެއްވުމުގައި ޒުވާނުން ވަނީ އެކި ދާއިރާތަކުން ހުރި ކަންބޮޑުވުންތަކާ ގުޅޭ ޕްރެޒެންޓޭޝަންތައް ހުށަހަޅާފައެވެ. ރައީސް ވަނީ ކޮންމެ ހުށަހެޅުމަކަށް ފަހު އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ހިޔާލު ހާމަކުރައްވައި، ޒުވާނުންގެ އުފެއްދުންތެރި ހިޔާލުތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫއުތަކުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ އެންމެ ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތްތައް ނިންމުމަށް ދެން ނަގާނީ ނިސްބަތުން ކުޑަ ވަގުތުކޮޅެއް ކަމަށާއި، ދެން އޮންނާނީ ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

