އުސް ފާރުތަކާއި ތަޅުލާފައިވާ ގޭޓްތަކުގެ ފަހަތުގައިވާ ދިވެހިރާއްޖޭގެ ޖަލުތައް ހިންގަމުން ގެންދަނީ އާއްމު ހޭލުންތެރިކަމުން އެކަހެރިކުރެވިފައިވާ ގޮތަކަށެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން ހިންގާ އަދި ދައުލަތުން ބަޖެޓްކުރާ މި މުއައްސަސާތަކުގެ މައިގަނޑު މަޤްޞަދަކީ ކުށްކުރާ ފަރާތްތައް އިޞްލާޙުކޮށް، މުޖުތަމަޢަށް އަލުން ގުޅުވައިލުމަށް ތައްޔާރުކުރުމެވެ. ނަމަވެސް، ގިނަ ފަހަރު މި ތަންތަނަކީ ގައިދީންގެ ހަޔާތް އަލުން ބިނާކުރުމަށް މަގުފަހިކޮށްދޭ ތަނަކަށްވުމުގެ ބަދަލުގައި، ހަމައެކަނި އަދަބު ތަންފީޒުކުރާ މަރުކަޒުތަކެއްގެ ގޮތުގައި ދެމިއޮވެއެވެ.
ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ”މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް“ އަކީ ޖަލުތަކާއި ޕެރޯލްއާ ގުޅުންހުރި އެންމެހައި ކަންތައްތައް ބެލެހެއްޓުމަށްޓަކައި ޤާއިމުކުރެވިފައިވާ ޚިދުމަތެކެވެ.
މި ޚިދުމަތަށް ޤާނޫނުން ބާރު ލިބި، ޖަލުތަކުގެ ކަންކަން އެންމެ ހެޔޮގޮތުގައި ތަންފީޒުކުރެވޭނެ ގޮތަކަށް ބާރުތައް ވަނީ ބަހާލެވިފައެވެ. ރާއްޖޭގައި ހެދިފައިވާ ކޮންމެ ޤާނޫނެއްގެ، އަދި ޚާއްޞަގޮތެއްގައި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެވެސް މަޤްޞަދަކީ އަދަބު ދިނުމަށްވުރެ ބޮޑަށް، އިޞްލާޙީ މަސައްކަތަށް އިސްކަންދިނުމެވެ. ޤާނޫނުތަކުގެ މައިގަނޑު މަފްހޫމަކީވެސް، ފަރާތްތަކަށް ބޮޑެތި އަދަބުތައް ދިނުމުގެ ބަދަލުގައި، އެ ފަރާތްތައް ރަނގަޅުކޮށް މުޖުތަމަޢަށް އަލުން އަނބުރާ ފޮނުވުމެވެ.
ނަމަވެސް، ރާއްޖޭގައި ޖަލުތައް ޤާއިމުކުރެވިފައިވާ ގޮތާއި ޕެރޯލްގެ ޤާނޫނާ ދެމެދު އެކި ތަފާތުތައް ހުރިކަން ފާހަގަކުރެވެއެވެ. ޤާނޫނު ބުނާ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްތައް ހިންގަމުންދާ މަންޒަރު ނުފެންނަ ހާލަތްތައް ވެސް ދިމާވެއެވެ.
ގައިދީންނަކީ ޕެރޯލްގެ ޤާނޫނުން ލިބިދޭ އަސާސީ ހައްޤުތަކާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ހައްޤުތައް ވެސް ލިބިގަތުމުގެ ހައްޤު އޮތް ބައެކެވެ. މީގެ އިތުރުން، ބައެއް ޙާލަތްތަކުގައި ބަންދުން ވަގުތީގޮތުން ދޫކުރެވޭނެ ހާލަތްތައް ވެސް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނުގައި ކަނޑައަޅާފައިވާ މާއްދާތަކުގައި ގައިދީންގެ ހައްޤުތަކާއި، އަދި އެ ފަރާތްތައް ބަންދުކޮށް އަދަބު ދެވޭނެ ހާލަތްތައް ވެސް ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ. އެގޮތުން ކޮންމެ ގައިދީއަކީ ވެސް އެމީހަކު ބަންދުކޮށްފައިވާ ހާލަތަށް ބަލައި، އިޞްލާޙުވެގެން މުޖުތަމަޢަށް އަލުން ރުޖޫޢަވެ، ރަނގަޅު ދިރިއުޅުމެއް އުޅޭނެ ފަރާތެއްގެ ގޮތުގައި ވުމަށް ޤާނޫނުން ބާރު އަޅައެވެ. ގައިދީންނަކީ ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅައި، އެ ވަގުތުތަކުގައި އެ ފަރާތްތަކަށް ކަންކަން ދަސްކޮށްދިނުމާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ދީނީ ކަންކަމާއި، ތަޢުލީމާއި، އަދި މިނޫންވެސް އެތައް ޚިދުމަތެއް ފޯރުކޮށްދޭން ޖެހޭ ފަރާތްތަކެކެވެ.
ރާއްޖޭގައި ޖަލުތަކުގެ ހާލަތު ދުވަހުން ދުވަހަށް ރަނގަޅުވާން ޖެހެއެވެ. އެހެންނަމަވެސް ރާއްޖޭގައި ޖަލުތަކުގެ ޢަދަދު ނިސްބަތުން މަދެވެ. އެންމެ އެދެވޭ ގޮތުގައި އެކި ބާވަތްތަކުގެ ކުށްކޮށްފައިވާ ފަރާތްތައް ބަންދުކުރެވޭނެ ނިޒާމެއް ފުރިހަމައަށް ނެތްކަން ފާހަގަކުރެވެއެވެ. އަދި ހަމަ އެއާއެކު، ޖަލުތަކުގައި އަމިއްލައަށް މަރުވުމާއި މިފަދަ އެކި ކަންކަން ވެސް ހިނގާފައިވެއެވެ.
ދާދިފަހުން ކޮމިޝަނަރ އޮފް ޕްރިޒަންސް ދެއްވި މަޢުލޫމާތުގައިވެސް، ޖަލުތަކުގައި ގޮންޖެހުންތަކެއް ހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ޖަލުތައް މަދުވުމާއި، ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާ އާލާތްތައް މަދުވުން ހިމެނެއެވެ. ޖަލުތަކަކީ ބަޔަކު މީހުން ގާނޫނާ ހިލާފު ކަންކަން ހިންގާ ތަނަކަށް ވެގެން ނުވާނެއެވެ. ޖަލުތަކުގައި ގައިދީންނަށް ބޭނުންހާ ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. އެ ފަރާތްތަކަކީ ޖަލުތަކުގެ ތެރޭގައި ވެސް ކުށުގެ މާޙައުލެއްގައި އުޅޭ ބަޔަކަށް ވެގެން ނުވާނެއެވެ. ކުޑަ ކުށެއްގައި ޖަލަށްދާ ފަރާތެއް، އޭނާގެ ހުކުމް ތަންފީޒުކުރުމަށްފަހު އަލުން މުޖުތަމަޢަށް ނިކުންނައިރު، އިޞްލާޙުވުމުގެ ބަދަލުގައި، އޭނާއަކީ އެއަށްވުރެ ބޮޑު ކުށަކަށް އަރައިގަންނަ ފަރާތަކަށް ވާނަމަ، ޤާނޫނުން ބުނާ ކަންކަން ފުރިހަމަ ނުވަނީއެވެ.
ޖަލުތަކުގައި ކަންކަން ހިނގަނީ އެންމެ އެދެވޭ ގޮތަށްތޯ ބެލުމަށްޓަކައި، ޤާނޫނުން ބާރު ލިބިދީފައިވާ ފަރާތްތަކެއް އެބަހުއްޓެވެ. އެގޮތުން އެކި މިނިވަން މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް އެ ބާރު ޤާނޫނުން ވަނީ ދީފައެވެ.
އެހެންނަމަވެސް، ރާއްޖޭގައި ޖަލުތަކުގެ ފެންވަރު ބެލުމަށް ދަނީ ކަމެއް ދިމާވުމުން އެކަން ކުރާ އުސޫލުންނެވެ. ޙަޤީޤަތަކީ މުއައްސަސާތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ ކަމެވެ. އަދި ހަމަ އެއާއެކު، ޖަލުގައި ބޮޑު މައްސަލައެއް ދިމާވުމުން ނޫނީ އެ ފަރާތްތަކުގެ ހައްޤުތައް ހަނދާންވެސް ނުވާކަމެވެ. ޖަލުތަކުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލުތައް ހޯދައިދިނުމަކީ ދައުލަތަށް މަތިކޮށްފައިވާ ޒިންމާއެކެވެ. އެހެންނަމަވެސް، އެ ޒިންމާ އަދާކުރެވޭނީ އެކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުއައްސަސާތައް ވެސް އެކަމަށް ސަމާލުކަމެއް ދޭނަމައެވެ.
ރާއްޖޭގައި ޖަލުތަކުގައި އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވޭކަން ފާހަގަވެއެވެ. އަދި ކުށްކުރާ ފަރާތްތަކަށް އޭގެ އެންމެ އެދެވޭ ގޮތުގައި ރިހެބިލިޓޭޓް ވެސް ނުކުރެވި، އިތުރު ކުށްތައް ކުރަން އެ ފަރާތްތަކަށް ވަނީ ދޮރުތައް ހުޅުވިފައެވެ.
އަދުގެ ޙަޤީޤަތަކީ ޖަލުތަކުގެ ތެރޭގައި ހިނގާ ކަންތައްތައް ހަމައެކަނި އެތަންތަނަށް ނުނިމޭކަމެވެ. އެކަންކަމުގެ އަސަރު ގެތަކަށާއި، މަގުތަކަށާއި، އަދި މުޅި މުޖުތަމަޢަށް ފޯރައެވެ. ގައިދީން އިޞްލާޙުކުރުމުގެ މަސައްކަތަށް ސަމާލުކަން ނުދެވި ދޫކޮށްލެވޭނަމަ، އިޞްލާޙުނުކޮށް ހަމައެކަނި އަދަބު ދިނުމުގެ ނިޒާމެއްގެ ސަބަބުން މުޖުތަމަޢަށް އޭގެ ބަދަލު ދައްކަންޖެހި، ގިނަ ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިގެންދާނެއެވެ.

