2025 ވަނަ އަހަރުގެ ތެރޭގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ހިންގިފައިވާ ކަމަށް ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ހެޑް، ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމު ވިދާޅުވެއްޖެއެވެ.
ޑްރަގު އެންފޯސްމަންޓުން ކުރިއަށް ގެންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ މި އަހަރުގެ ތަފާސްހިސާބުތަކާއި ކުރެވުނު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މުސްލިމު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ކަނޑުމަގުންނާއި ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. ”އޮޕަރޭޝަނަލީ، 2025 ވަނަ އަހަރުގެ ތެރޭގައި، ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ހިންގިފައިވާކަން ފާހަގަކުރަން“، މުސްލިމު ވިދާޅުވިއެވެ.
މުއައްސަސާތަކުގެ އެއްބާރުލުން
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކުގައި އެމްއެންޑީއެފް ކޯސްޓުގާޑުގެ ފަރާތުން ލިބޭ އެހީތެރިކަން މުސްލިމު ވަކިން ހާއްސަކޮށް ފާހަގަކުރެއްވިއެވެ. އަދި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި މޯލްޑިވްސް އިމިގްރޭޝަނުން ދެއްވާ އެއްބާރުލުމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅުންހުރި މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދޭ ޒިންމާދާރު ރައްޔިތުންނަށް ވެސް މުސްލިމު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އާންމުންގެ ފަރާތުން ލިބޭ މައުލޫމާތަކީ މިފަދަ އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު ހަރަކާތްތައް
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ ވަބާއިން އެމީހުން ދުރުހެލިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓްމަންޓުން ދަނީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

