ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މަދަނީ ޖަމިއްޔާތަކާ އެކު ބާއްވާ ”އެޗްއާރްސީއެމް -ސީއެސްއޯ ޕާޓްނާޝިޕް ފޯރަމް ފޮ 2025“ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި ފޯރަމުގެ މައިގަނޑު މަގުސަދަކީ މަދަނީ ޖަމިއްޔާތަކާއި އެޗްއާރްސީއެމްއާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ފަހިކުރުމެވެ.
އެޗްއާރްސީއެމްއިން މައުލޫމާތު ދޭ ގޮތުގައި، ކޮންމެ އަހަރަކު މިފަދަ ހަތަރު ފޯރަމް ބޭއްވުމަށް އެ ކޮމިޝަނުން ވަނީ އަމާޒު ހިފާފައެވެ. މިހާރު ކުރިއަށް ގެންދެވުނު ފޯރަމަކީ މިއަހަރުގެ ތެރޭގައި ބޭއްވި ތިންވަނަ ފޯރަމެވެ. މި ފަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ ތިމާވެއްޓާއި އިންސާނީ ހައްގުތަކާ ހުރި ގުޅުމުގެ މައްޗަށެވެ. އެގޮތުން، ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ތިމާވެށީގެ ހައްގަކީ މުޅި ދުނިޔޭގައިވެސް އިންސާނީ ހައްގެއްގެ ގޮތުގައި ބަލައިގަނެފައިވަނީ ވަރަށް ފަހުންނެވެ. އެހެންކަމުން، މަދަނީ ޖަމިއްޔާތަކަށް މި ހައްގާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް އެޗްއާރްސީއެމްއިން ދެކެއެވެ. ”މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަކީ އިންސާނީ ހައްގުތަކަށް އޮތް ވަރަށް ބޮޑު ހުރަހެއް،“ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މި އަހަރުގެ ފޯރަމް ބޭއްވުމުގައި ބައިނަލްއަގުވާމީ އެހީތެރިކަން ލިބިފައިވާކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. އެގޮތުން އޯފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނަރ ފޯ ހުމަން ރައިޓްސް (އޯއެޗްސީއެޗްއާރް)، ދަ ގްލޯބަލް އެލައިއެންސް އޮފް ނޭޝަނަލް ހުމަން ރައިޓްސް އިންސްޓިޓިއުޝަންސް (ޖީއޭއެންއެޗްއާރްއައި)، ޔޫއެންޑީޕީ އަދި ނޮވީޖަން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެހީތެރިކަން މިކަމުގައި ލިބިފައިވެއެވެ.
ކުރިއަށް އޮތް އަހަރުގައިވެސް ސީއެސްއޯތަކާ ގުޅިގެން ތީމެޓިކް ދާއިރާތަކުން ހަތަރު ފޯރަމެއް ބޭއްވުމަށް އެޗްއާރްސީއެމްއިން ވަނީ ނިންމާފައެވެ. އަދި މި ފޯރަމްތައް ރޭވުމުގައި މަދަނީ ޖަމިއްޔާތަކުގެ ހިޔާލާއި މަޝްވަރާ ހޯދައި، ގުޅިގެން މަސައްކަތް ކުރުމަށް އެ ކޮމިޝަނުން އިސްކަންދޭނެ ކަމަށް ބުނެފައިވެއެވެ.

