ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުރި މުހައްމަދު ޝަމްއާން ވަހީދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިން މައުލޫމާތުގައި ވަނީ ޝަމްޢާންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީ، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން އެގޮތަށް ނިންމާފައިވާ ކަމަށް ޕީޖީން ބުނެފައެވެ. އެހެންނަމަވެސް އޭނާ ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުގައެވެ.
ބަންދުން ދޫކޮށް ޝަމްއާނަށް ކުރި ޝަރުތުތަކުގެ ތެރޭގައި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ ކަމެއް ނުކުރުން ހިމެނެއެވެ. އިތުރު ކުށެއް ނުކުރުމަށް ޝަރުތުކުރަން ދައުލަތުން އެދުނު ނަމަވެސް، އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ އިތުރު ކުށެއް ނުކުރުމަކީ އަބަދުވެސް ކޮންމެ މީހެއްގެ މައްޗަށް ވެސް އޮންނަ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އިތުރު ކުށެއްކޮށްފިނަމަ އެކަމަށް ވަކިން ފިޔަވަޅު އެޅުމުގެ ބާރު އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.
ޝަމްއާންގެ މައްޗަށް ދައުވާކޮށްފައި ވަނީ، އޭނާއާ ބައިވެރިވާ އިމިގްރޭޝަން މުވައްޒަފުންތަކެއް ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ އަތުން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެ ޢަމަލުތަކުން މާލީ މަންފާ ހޯދައި އެ ފައިސާ އަތުގައި ބަހައްޓައި އޭގެއިން މުޢާމަލާތްކޮށް ލޯންޑަރކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައައިގައެވެ.
ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު އެއީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ތިން އަހަރުގެ ހުކުމަކާއި، އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ވެސް އުފުލާފައިވާއިރު އެއީ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާ އެކެވެ. އަދި ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ އަދަބު ކަނޑައެޅޭ ފަދަ ދައުވާ އެކެވެ.
މިދިޔަ ރޯދަ މަހު ޝަމްއާންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި އެކު ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކިކޮށް ހައްޔަރު ކުރީ އެވެ. މީގެކުރިން މައްސަލައިގައި ޝަމްއާން ބަންދުގައި ހުރިއިރު، އޭނާގެ ބަންދު މުރާޖައާކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ބުނީ ހެކި ބަސް ނެގުމުގެ މަރުހަލާއަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނުކުރާނެ ކަމަށެވެ. ބަންދުގެ މައްސަލައާއި ގުޅުވައި ޝަމްއާންގެ ފަރާތުން މީގެ ކުރިން ހައިކޯޓަށް ވެސް މައްސަލަ ހުށައެޅިއެވެ.

