ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޅިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވުމަކީ މުޅި ޕާޓީއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއްކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހްމަދުދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު ދީދީ ވިދާޅުވީ ދެ ރައީސުން އެކުގައި މަސައްކަތް ކުރެއްވުމަށް ފެއްޓެވުން އެއީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ މިވަގުތުގެ އެންމެ ބޮޑު އެއް ވާހަކަ ކަމަށެވެ. ދީދީ ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައްކަން އެންމެން ވެސް ގަބޫލު ކުރާކަމަށެވެ.
ދީދީ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ދިވެހި ރައްޔިތުން އެންމެ އިތުބާރު ކުރާ ސިޔާސީ ޕާޓީ ކަމަށެވެ. އަދި ހާއްސަކޮށް އައު ގާނޫނުއަސާސީ އުފަންވި ފަހުން ރާއްޖޭގައި އުފެދިގެންދިޔަ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދިގެން ދިޔައިރު ވެސް އެމްޑީޕީ ވެގެންދިޔައީ ރައްޔިތުންނަށް އުއްމީދެއް ގެނެސްދޭ ޕާޓީއަކަށްކަމަށް ދީދީ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ހިޔާލުތަފާތުވުންތަކާއި އެނޫންވެސް އުނދަގޫ ދަނޑިވަޅުގެ ތެރޭގައިވެސް އެކަންކަން ފަހަނަ އަޅައިގޮސް ބާރުސްޕީޑުގައި ކުރިއަށް އައިސް، ރައްޔިތުންނަށް އުފާފާގަތިކަން ސަރުކާރެއްގެ ގެނެސްދޭ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. މެމްބަރު ވިދާޅުވީ މި ސަރުކާރު ނުވަތަ ރައީސް މުއިއްޒު ވެރިކަމަށް ގެންނެވީ ބަދަލަކަށް ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ފުރަތަމަ އަހަރުގައިވެސް އެމްޑީޕީ ކޮބާތޯ ރައްޔިތުން އެ ސުވާލު އުފެއްދި ކަމަށެވެ.
”އޭރުވެސް އެމްޑީޕީގެ ލީޑަރޝިޕުންވެސް ދައްކަމުން ދިޔަ އެއް ވާހަކައަކީ އެމްޑީޕީ އެބައޮތޭ. އެމްޑީޕީން ދޭނެޔޭ މި ސަރުކާރަށް ފުރުސަތު، އެބޭފުޅުން ރައްޔިތުން ދީފައި އޮތް ފުރުސަތުގެ ބޭނުންކޮށްގެން ރަޔިތުންނަށް އެ ޕްރޫވް ކޮށްދޭށޭ އެބޭފުޅުންނަކީ ގުޑް ގަވަނެންސްއާއި އެއްކޮށް ރައްޔިތުންނަސް ހިދުމަތް ކުރެވޭނެ މުވައްސަސާއެއް ގޮތުގައި. އެހެންމަަވެސް އެ ފުރުސަތު ރައްޔިތުންނަށް ނުފެނި ރައްޔިތުން މާޔޫސްވާން ފެށުމުން އަނެއްކާވެސް އެމްޑީޕީން ނިކުމެ އެ ލީޑަރޝިޕް ދައްކާނެޔޭ. އޭގެ މިސާލެއް ކަންނޭގެ މި ފެނިގެން މިދިޔައީ“
ދީދީ ވިދާޅުވީ ޕާޓީން ވަކިވެގެން ދިޔަ ނަމަވެސް އެއީވެސް އެމްޑީޕީގެ ފިކުރު ކަމަށެވެ. އެބޭފުޅުންވެސް ވަކިވެގެން މަސައްކަތްތަކެއް ކޯށްފި ކަމަށާއި، އެހެންނަމަވެސް ވަކިވެގެން ރައްޔިތުންނަށް މީގެން މާބޮޑު ލާބަޔާއި މަންފާއެއް ކުރާނެ ތަނެއް ނުފެންނަ ކަން އެބޭފުޅުންވެސް ގަބޫލުކުރި ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުީ ރައީސް ނަޝީދު އަލުން އެމްޑީޕީއަށް ސޮއިކޮށް ޕާޓީއަށް އައީ ފަހަރުގައި އޭގެ ނަތީޖާއެއް ގޮތުން ކަމަށެވެ. އެމްޑީޕީން ވަކިވެގެންގޮސް މާ ބޮޑު ފައިދާއެއް ނެތް ކަން ގަބޫލުކުރެވުނު ކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ލީޑަރޝިޕާއި އެކު މަޝްވަރާތައް ކުރެވުނު ކަމަށާއި، އަދި އެކުގައި މަސައްކަތް ކޮށްގެން ރައްޔިތުންނަށް ރަނގަޅު ބަދަލެއް ގެނެސްދެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

