އަންނަ އަހަރު ޖެނުއަރީ 20އަށް ފޭސް 3 ހިއްކާ ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީން ބޭއްވި ޕްރެސްގައި މިނިސްޓަރ ވިދާޅުވީ ހަމައެކަނި ބިންވެރިޔާ ސްކީމަށް ބަލާއިރު ހުޅުމާލެ ފޭސް 2 އަކުން 709 ގޯތި ދެވިފައިވާއިރު އޭގެ ތެރެއިން 699 ގޯތި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހުޅުމާލެ ފޭސް 3 698 ގޯތި ލިބޭ ފަރާތްތައް ކަނޑައެޅިފައިވާއިރު، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާތީ ގުރުއަތު ނެގުން އަލުން ޑިސެމްބަރު 20ގައި ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ފޭސް 3 ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން 47 ހެކްޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޖެނުއަރީ 20އަށް މުޅި މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއާއިއެކު ރަޖިސްޓަރީ ހެދުމުގެ މަސައްކަތްވެސް މިއަންނަ ޖެނުއަރީ މަހުގައި ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
”އަދި އެއާއިއެކު ބިންތައް އިން ވަކިކުރެވޭ މިންވަރަކުން ހަވާލުކުރުން ކުރިއަށް ގެންދާނަން. ގުޅީ ފަޅަށް ބަލާއިރު، ގުޅީފަޅުގައި ކޮމާޝަލް ޕޯޓު އަޅަން ކަނޑައަޅައިފައިވާ ބައި، ކޮމާޝަލް ޕޯޓު ތިލަފުށީގައި އަޅަން ނިންމުމާއިއެކު އެބައި ގޯތި ދޭން ނިންމައި، ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެވި 3520 ގޯތި މިހާރު ވަނީ ކަނޑައަޅައި އެފަރާތްތަކަށް ގުރުއަތު ލާފަ“
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ގިރާވަރު ފަޅުން 5،186 ގޯތި ދޭން ނިންމާފައިވާ ކަމަށާއި އެއީ 170 ހެކްޓަރުގެ ބިން ކަމަށެވެ. އެކަމަކު އެ ތަނުގައި އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލު ގާއިމުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެންނަނީ 4،072 ގޯތި ގިރާވަރުން ދިނުމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްވުމާ އެކު އެ ނިންމުން ވަރަށް އަވަހަށް ގެޒެޓު ކުރާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

