ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ވާޙަކަ އެހާ ފޯރީގައި ދެކެވެމުންދާ ދުވަސްވަރަކަށް ވުމުން ގިނަ ބަޔަކު އަންނަނީ މިކަމަށް އެމީހެއްގެ ހިޔާލު ހުރި ގޮތެއް ފާޅުކުރަމުންނެވެ. ދައުލަތުގެ ހަރަދު ކުޑަ ކުރެވޭނެ ބައިވަރު ގޮތްތައް ހުރި އިރު ހަމައެކަނި އެކަން ކުރަން ދެ އިންތިހާބު އެއްކޮށްލުމަކީ މިއީ އެންމެ އެކަށީގެންވާ ގޮތް ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އިންތިހާބު ތަކަށް ކުރާ ހޭދައަކީ ހަގީގަތުގައި ވެސް ބޮޑު ހޭދައެވެ. ކޮންމެ އިންތިހާބަކަށް އެ ކުރަން ޖެހޭ ހޭދަ ބޮޑުވުމާއި، އަދި އިންތިހާބުގެ ތެރެއިން ބައި-އިލެކްޝަންތައް ބޭއްވުމާއި 2 ވަނަ ބުރަކަށް ދާ ހާލަތުގައި އަނެއްކާވެސް އެދާ ހަރަދަކީ ހަގީގަތުގައިވެސް ދައުލަތުން ކުރާ ވަރަށް ބޮޑު ހަރަދުތަކެވެ. ނިމިދޔަ އަހަރުތަކަށް ބަލާއިރު މި އަދަދު ދަށް ވަމުން އަންނަކަން ފާހަގަކުރެވުނު ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ކުރާ ހޭދަ ޖުމްލަ ގޮތެއްގައި މިދިޔަ އަހަރުތަކުގައި ހުރީ ގާތްގަނޑަކަށް 150 އާއި 130 މިލިއަނާއި ދެމެދުގައެވެ.
އެހެންނަމަވެސް ދައުލަތުން ކުރާ ހޭދަތައް ބޮޑުވަނީ ހަމައެކަނި މި ސަބަބަށްޓަކައެއް ނޫނެވެ. ދައުލަތުގެ އިތުރު ބޭކާރު ހަރަދުތައް ހުރެއެވެ. ނުކަތާ މިންވަރަށް ސިޔާސީ މުވައްޒަފުން ނެގުމާއި، ދައުލަތުގެ ކުންފުނިތަކާއި، ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ ކޮމިޝަންތަކާއި މިފަދަ ތަންތަނަށް މުވައްޒަފުން ނަގާ މިންވަރުވެސް މަދެއް ނޫނެވެ. މިއީ ކޮންމެ ދައިރެއްގައިވެސް ފެންނަ ކަންކަމެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަ ކުރެވޭނީ އެންމެ ދިމާލަކަށް ފިޔަވަޅު އަޅައިގެން ނޫންކަން މިކަމުން ހާމަވެއެވެ.
ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމަކީ މުހިންމު ކަމެކެވެ. އެގޮތުން އެންމެ ބޮޑު އެއް ހޭދައެއް ކުރާ އެއް ބަޔަކީ ދައުލަތުގެ އޮފީސްތައް ހިންގުމަށްޓަކައި ނަގާފައިވާ އަމިއްލަ އިމާރާތްތަކުގެ ކުއްޔަށެވެ. ދައުލަތުގެ އޮފީސްތައް މިއަދު ހިންގަނީ މީހުންގެ ގެތަކުގައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ފެށިގެން ގޮސް އެންޓި ކޮރަޕްޝަން ކޮމިޝަން (އެޗްއާރުސީއެމް) ވެސް ހިންގަނީ ބަޔަކު ދިރިއުޅެމުންދާ އިމާރާތެއްގަ އެވެ.
މިގޮތަށް ދައުލަތުގެ އޮފީސްތައް ހިންގުމާއި މިފަދަ ކަންކަމަށް ބަލާއިރު މިއީ އަހަރެއްގެ މައްޗަށް 178 މިލިއަން ނުވަތަ އެއަށް ވުރެ ބޮޑު އަދަދެކެވެ. މިއީ ދައުރަކަށް ބަލާނަމަ ބިލިއަނާއި ގާތްކުރާނެ އަދަދެކެވެ. ހަރުދަނާ އުސޫލެއްގެ ތެރެއިން ކަންކަން ކުރާ ސަރުކާރަކުން ހުރިހާ ދިމާލަކަށް ނަޒަރު ހިންގާނނެވެ. މީހުންގެ ގޭގައި އޮފީސްތައް ހިންގާ ވާހަކައަކީވެސް ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެކަމަށް މިދޔަ އެއްވެސް ސަރުކާރެއްގައި ބަދަލެއް ގެނެސްފަައެއް ނުވެއެވެ. އެހެންކަމުން އެކަމުގެ ބުރަ އަދިވެސް ދައުލަތުން އުފުލައެވެ. އެކަސް ސަރުކާރުތަކަށް ކުރެވޭން ނެތީ އެއް ނޫނެވެ. ހަރުދަނާ ޕްލޭނެއް ނެތުމުގެ ސަބަބުން ގިނަ ސަރުކާރުތަކުގެ ފޯކަސް ހުންނަނީ ވަގުތީ ގޮތުން ރައްޔިުންނަށް މަންފާއެއް ހާސިލްކޮށްދިނުމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބިންތައް އެހާ ގިނަ އިރު އޮފިސް ކޮމްޕްލެކްސްއެއް ގާއިމް ނުކުރެވޭންވީ އެއްވެސް ސަބަބެއް ނެތީއެވެ.
މީގެން ރައްޔިތުންނަށް ވާނެ ފައިދާއަކީ، އެ ސަލާމަތް ކުރެވޭ އިންސަތަކީވެސް ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަ ކުރެވޭނެ އެއްޗަކަށް ވާތީއެވެ. އަދި ގައުމުގެ އިގްތިސޯދީ ހާލަތަށް އާރޯކަމެއް ލިބި އިގްތިސޯދު ކޮޅަށް ޖެހުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ވާނެތީއެެވެ. މި އިގްތިސޯދަށް ވަންނަ އެއްޗަކަށް ބަލައި، ގައުމުގެ ހަރަދުތައް އެއަށް ވުރެ މަތިވެ ނުވަތަ ބޭކާރު ހަރަދުތައް ބޮޑުވާ ހިނދެއްގައި ދެން ގައުމުގެ ހާލަތު ދާނީ އިތުރަށް ނާޒުކު ފައްތަރަކަށެވެ. ހަރަދު ކުޑަ ކުރުމުގެ އުސޫލުތަކާއި ފިޔަވަޅުތައް އެޅުމަކީ މިއަދު ކޮންމެހޭން ވެސް ކުރާންޖެހިފައިވާ މުހިންމު ކަމެކެވެ. އެހެންނަމަވެސް އެކަން ކުރަންވާނީ ރަނގަޅު ޕްލޭނެއްގެ ދަށުން، ބޭކާރު ހަރަދުތައް ހިނގަނީ ކޮން ދިމާލަކުން ތޯ ބަލައިގެންނެވެ.
ބޭކަރު ހަރަދުތައް އިތުރު ވުމަކީ މިއަދު ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗެވެ. އެކަމުން ސަލާމަތް ވެވޭނީ ހަމަކަނި އެންމެ ދާއިރާއަކުން މަސައްކަތް ކޮށްގެނެއް ނޫނެވެ. އެކި ދާއިރާތަކުން ބަލައި، ސިޔާސީ މުވައްޒަފުން މަދުކޮށް، ބޭނުން ނުވާ މިންވަރަށް ކުންފުނިތަކަށް މީހުން ނުނަގާ އަދި އޮފީސްތަކަށް ކުރަންޖެހޭ ހޭދަތައް ކުޑަކޮށްގެން ނޫން ގޮތަކަށް އެކަން ކުރެވޭގެ ގޮތެއް ނެތެވެ. އެހެންނަމަވެސް އިލެކްޝަންތަކަށް ކުރާ ހަރަދުތައްވެސް ކުޑަ ކުރުމަކީ ހަމައެހާމެ މުހިންމު ކަމެކެވެ.

