2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އޭޕްރީލް 04 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއެވެ.
ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށްވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކަށްވާންޖެހެއެވެ. އަދި އުމުރުން 18 އަހަރު ފުރިފައިވާ، ބުއްދި ހަމައަށް ހުރި މީހަކަށް ވާންޖެހޭނެއެވެ. މީގެ އިތުރުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ ޙުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުންދާ މީހަކަށް ވާންޖެހޭނެ ކަމަށް ޝަރުޠުތަކުގައި ބަޔާންކޮށްފައިވެއެވެ.
ޖިނާއީ ކުށްތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ ޝަރުޠުތަކަށް ބަލާއިރު، ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަން ނުވަތަ މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަތްކަން ސާބިތުވެފައިވާ މީހަކަށް ވެގެންނުވާނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް ސާބިތުވެފައިވާނަމަ، ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އަދަބު މަޢާފުކުރެވުނުތާ 7 އަހަރު ފާއިތުވެފައިވާން ޖެހެއެވެ. އެހެނިހެން ޖިނާއީ ކުށްތަކުގައި 12 މަހަށްވުރެ ދިގު ޙުކުމެއް އައިސްފައިވާނަމަ، 3 އަހަރުގެ މުއްދަތެއް ފާއިތުވެފައިވާން ޖެހޭނެއެވެ.
ކުރިމަތިލުމުގެ އިޖުރާއާތު
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ. އިދާރީ ފީ ދެއްކުމާއި، ކެންޑިޑެސީއާ ގުޅޭ އެންމެހާ މުޢާމަލާތްތައް ކުރިއަށްދާނީވެސް މި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީއިން ބުނެއެވެ.
ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، ކުރިމަތިލާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީ ހިމެނެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ މީހެއްނަމަ، އެ މީހަކު ކުރިމަތިލާ ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު އޮތްކަން ހާމަކުރުމުގެ ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ. ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.

