ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ”ދޯސްތީ 17“ ފަށައިފިއެވެ.
މި ތަމުރީނަކީ، ދިވެހިރާއްޖެއާ އިންޑިއާގެ ކޯސްޓުގާޑުގެ މެދުގައި ރަޙުމަތްތެރިކަމާއި އޮޕަރޭޝަނަލް ކޭޕެބިލިޓީއާ އިންޓަރ އޮޕަރެބިލިޓީ ހަރުދަނާ ކުރުމުގެ މަޤުޞަދުގައި 1991 އިން ފެށިގެން ބާއްވަމުން ގެންދާ ޙަރަކާތެކެވެ. އަދި އަވަށްޓެރި ސްރީލަންކާ އިންވެސް ދަނީ 2012 އިން ފެށިގެން މި ތަމުރީނުތަކުގައި ބައިވެރިވަމުންނެވެ.
ދިވެހިރާއްޖެ، އިންޑިއާ އަދި ސްރިލަންކާގެ ކޯސްޓުގާޑު ގުޅިގެން ކުރިއަށްގެންދާ މި އެކްސަސައިޒް ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނެވެ.
ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދޭދޭ ކޯސްޓުގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، މަސައްކަތްތައް ވިލަރެސްކުރުމާއި، އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
19 ޖެނުއަރީގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ”ދޯސްތީ 17“ ގައި ކަނޑުމަތީގެ ޙާދިސާތަކުގައި ޙާލުގައިޖެހޭ މީހުން ސަލާމަތްކުރުމާއި، ކަނޑުގެ ސަރަޙައްދުގެ ސަވައިލެންސް އަދި މުވާޞަލާތީ ތަމުރީނުތަކުގެ އިތުރުން ކަނޑު ތަޣައްޔަރުވުމުން ރައްކާތެރިވުމަށް ހިންގާ ”މާޕޯލް“ (MARPOL) ތަމުރީނުތައް ހިމެނެއެވެ.
މި ޙަރަކާތްތަކަކީ ބައިވެރިވާ ކޯސްޓްގާޑްތަކުގެ ތައްޔާރީ ޙާލަތު ވަރުގަދަކޮށް، ޕްރޮފެޝަނަލް ކޮލަބަރޭޝަން ހަރުދަނާކުރުމަށް ކުރިއަށްގެންދާ އެކްސަރސައިޒެކެވެ.
މި އަހަރުގެ ”ދޯސްތީ“ ޙަރަކާތުގައި މައިގަނޑުގޮތެއްގައި ކުރިއަށްގެންދާނީ ”ޖޮއިންޓް ޓްރެއިނިންގ“ ތަކާއި ”މެރިޓައިމް އިންފޮމޭޝަން“ ޝެއަރކުރުމުގެ ތަމުރީނުތަކެވެ. މީގެ ސަބަބުން މި ޙަރަކާތުގެ ބައިވެރިންނަށް އެކަކު އަނެކެއްގެ ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، މަސައްކަތުގެ މާހައުލުގައި އޮންނަ ޕްރޮފެޝަނަލް ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

