ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން، އިޤްތިޞާދީ ވަޒީރު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތައްކުރައްވާފައެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހި އުފެއްދުންތެރިންނަށް ޓިކްޓޮކް ޕްލެޓްފޯމް މޮނަޓައިޒް ކުރެވޭނެ ނުވަތަ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ޒުވާނުންނަށް ޑިޖިޓަލް އިގްތިސާދެއްގެ ތެރެއިން ފުރުސަތުތައް ހޯދައިދިނުމުގެ ވައުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ވަޒީރު ސައީދު ވިދާޅުވީ، ޓިކްޓޮކް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާއެކު މިފަދަ ގުޅުންތައް ގާއިމުކުރުމަކީ ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގެ ދޮރުތައް ހުޅުވި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށްޓަކައި ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާ ވާހަކަދައްކަން ފަށާފައިވާ ކަމަށާއި، މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް އިކޮނޮމީ ކުރިއެރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި މަޤްބޫލު ޑިޖިޓަލް ޕޭމަންޓް ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.
މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށާއި ޑިޖިޓަލް ކްރިއޭޓިވް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިފަދަ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ އިތުރަށް ފުޅާވެ، ކުރިއަރައިގެން ދާނެކަމަށް ބެލެވެއެވެ.

