ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ވަގުތެއްގައި ޗުއްޓީގައި ތިބެން ޖެހޭ ބައެއް ނޫންކަމަށާއި، ކޮންމެ ވަގުތެއްގައި ވެސް މަޖިލީހުގެ މެންބަރުން ތިބޭނީ ރައްޔިތުންގެ ހިދުމަތުގައިކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އިސްލާހާއި ގުޅޭގޮތުން ”ސަންގުޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އިބްރާހިމް މުހައްމަދު ވިދާޅުވީ، މަޖިލީހުގެ ދައުރު ނިމި ޗުއްޓީގައި އޮތް ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ”ޗުއްޓީ“ ނުވަތަ ”ދައުރުން ބޭރު“ ކިޔާ އެއްޗެއް ނޯންނާނެ ކަމަށެވެ. އަދި ކުއްލި ހާލަތެއް ދިމާވުމާއި އެކު، އެކަމަކަށް މަޖިލިސް މެމްބަރުން ނިކުންނަން ޖެހޭއިރު ހާއްސަ ހާލަތެއްގައި ގާނޫނަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ހަމަ އެ އުސޫލުގެ ތެރެއިން ކުރިޔަށް ގެންދެވޭނެކަމަށް ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވީ ގައުމުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތަށް ނިކުންނަން ޖެހުމުން، ޕީއެންސީގެ އެއްވެސް މެމްބަރަކު ދައުރުން ބޭރުން ބާއްވާ ޖަލްސާތަކަށް ދެކޮޅު ނަހަދާނެކަމަށެވެ. އަދި މެމްބަރުން ޗުއްޓީގައި ތިއްބައި، ޖަލްސާތައް ތާވަލު ނުކުރުމަށް ވެސް ގޮވާނުލާނެ ކަމަށެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނަށް ބޭނުންވާ މުހިންމު ޕޮލިސީތަކާއި ގާނޫނުތައް ހެދުމުގައި މަޖިލިސް މަޑުޖެހުމުން، ގައުމު ހުއްޓުމަކަށް އަންނާނެ އެވެ. އެހެންކަމުން، މަޖިލިސް ރަސްމީކޮށް ޗުއްޓީގައި އޮތް ނަމަވެސް، ބައެއް ކޮމެޓީތައް މިހާރު ވެސް ކުރިޔަށްދާކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ތިބޭނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައިކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ކޮންމެ ތަނެއްގައި ހުރެ ވެސް މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.
ދައުލަތެއް ހިންގުމަށް ބޭނުންވާ އަސާސީ އެހީތެރިކަމެއް މަޖިލީހުން ގާނޫނު ހަދައިގެން ފޯރުކޮށްދޭން ޖެހިއްޖެނަމަ، އެއީ ޗުއްޓީއަކަސް ނޫނަސް އެކަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެހެންވީމާ ދައުރުން ބޭރުގައި އެބޭފުޅުން އެވިދާޅުވަނީ މަޖިލީހުގެ ދައުރުގެ ވާހަކަ، އަޅުގަނޑުމެންނާ ދައުރުން ބޭރެއް ނޫން
މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކީ ކުރިއަށް އޮތް އިންތިޚާބާ ގުޅުންހުރި އަދި ރައްޔިތުންނަށް ވަރަށް މުހިންމު ކަންކަން ކަމަށްވުމާއެކު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް ޗުއްޓީ ތެރޭގައިވެސް އެ މަސައްކަތް ކުރަން ސަރުކާރާއި މެންބަރުން ނިންމެވީ ރައްޔިތުންގެ ލާބައަށްޓަކައިކަމަށް އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އިބްރާހިމް މުހައްމަދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް މަސައްކަތް ކުރައްވަނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރުންވެސް އެ ނަމޫނާގައި މަސައްކަތް ކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.
އިންތިހާބުތައް އެއްކޮށްލުމަށް ގެންނަ އިސްލާހަށް އިދިކޮޅުން އަމާޒު ކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައި އޭނާ ވިދާޅުވީ މިއީ އިދިކޮޅުންވެސް ބޭނުންވާ ބަދަލެއްކަމަށާއި، ސިޔާސީ ބަހަނާއެއް ދެއްކުމުގެ ގޮތުން އެމްޑީޕީން ފާޑުކިޔަނީ ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައެއް ކަމަށެވެ.
މެންބަރު ވިދާޅުވި ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ފައިސާގެ އިތުރުން ރައްޔިތުންގެ ވަގުތުވެސް ސަލާމަތްވާނެއެވެ.

